ޝާހިދު ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު އިސްތިއުނާފު މިއަދު ހައިކޯޓުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު އިސްތިއުނާފު މައްސަލަ މިއަދު މެންދުރު ފަހު ހައިކޯޓުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ހުށަހެޅީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ އާންމުކޮށް ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލަތަކަށް ވާތީ، ހައިކޯޓުން މި މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ޝާހިދު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގެ ފަހަތުގައި ސިޔާސީ އެއްވެސް މަގުސަދެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި މި ވަނީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.