ޚަބަރު

ސަވައިވިންގް ވިންޓަރ ނިމެނީ: ޑޮނޭޓް ކޮށްފިންތަ؟

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށް ގެންދާ ސަވައިވިންގް ވިންޓަރ 2020 ނިމުމަކާ ކައިރިވެއްޖެއެވެ.

Ads by Sosun Fihaara

ފިނި މޫސުމާ ދިމާކޮށް ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓަރ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އައިއޭސީން ހާމަކުރާ ގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައި ވީ ނަމަވެސް މިފަހަރުގެ ކެމްޕޭނަށް ވަރަށް ފުރިހަމަ ތަރްހީބަކާއި އެހީތެރިކަމެއް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވެއެވެ. އެގޮތުން، މިހާތަނަށް މިނކެމްޕޭނަށް ޖުމުލަ 1،480،958.36 ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭންގެ ތެރެއިން އެހީ ފޯރުކޮށްދީފައި ވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި މި ކެމްޕޭން ކުރިޔަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނި މޫސުމާ ގުޅިގެން މިއަދު އެ ޤައުމުތަކުގެ ރައްޔިތުންނަށް ވަނީ އިތުރު ނިކަމެތިކަމެއް ކުރިމަތިވެފައެވެެ. ގަދަ ވިއްސާރައިގެ ސަބަބުން މަގުތައް މަތި ޗަކަވެ، ފެން ވަނީ ތަޣައްޔަރު ވެފައެވެ. ފިނި މޫސުމުގެ ތެރޭގައި ބޭނުންކުރާ ހޫނުކުރާ އާލާތްތަކާއި ރަޖާ ގަނޑެއްގެ އިންތިޒާރުގައި ތިބި އާއިލާތަކާއި ފިނިން ރައްކާތެރިވުމަށް ލާނެ ޖެކެޓެއްގެ އިންތިޒާރުގައި ތިބި ތުއްތު މަޢުސޫމް ކުދިން މަދެއް ނޫނެވެ. މި ކެމްޕޭން ނިމުމަކަށް އައުމަށް ކައިރިވެފައިވާއިރު، ކެމްޕޭނަށް މިއަދު ވެސް ކޮންމެ ފަރާތަކަށް ވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތެވެ.

ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ދެވިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.

ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރު ކޮށްދީފައި ވެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސާމާނު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ފިނި މޫސުމާ ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަން ޖެހިފައި ވާތީ، އައިއޭސީން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރު ކޮށްދިނުމަށެވެ. އެގޮތުން ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދީފައިވާކަން އައިއޭސީން ފާހަގަ ކުރެއެވެ.

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރި ވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވެއެވެ.މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށް ދެއެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.

މި ކެމްޕޭންގެ ތެރެއިން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. އައިއޭސީން ހާމަކުރާގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ޤައުމަކަށް ފިނި މޫސުމުގައި އެންމެ މުހިންމު ވެފައިވާ ކަންކަމަށެވެ.

މި 4 ޤައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ، ބީއެމްއެލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައި ވެއެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ:  7770000026265

ޔަމަން:   7770000026264

ސީރިއާ:   7770000026263    

މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާ ނުވަތަ އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ވެސް އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.

މިފަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަށް ޖުމުލަ 1,788,369.48 ރުފިޔާ ލިބިފައިވާއިރު، ކޮންމެ ޤައުމަކަށް ވެސް ވަކިވަކިން އެހީ ލިބިފައި ވެއެވެ. އެގޮތުން ތިރީގައި މިވަނީ މި ހަތަރު ޤައުމުތަކުގެ އެކައުންޓްތަކަށް ވަކިވަކިން ލިބިފައިވާ އަދަދުތައް:

ފަލަސްތީން: 482,409.97 ރުފިޔާ

ސީރިއާ: 518,874.11 ރުފިޔާ

ޔަމަން: 492,928.12 ރުފިޔާ

ރޮހިންޔާ: 294,157.28 ރުފިޔާ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކޮންމެ ދަނޑިވަޅަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލަދިނުމެވެ.މީގެ ކުރިން ވެސް ފިނި މޫސުމާ ދިމާކޮށް އައިއޭސީގެ ފަރާތުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަކީ މިފަދަ ތިން ވަނަ ކެމްޕޭންކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް ފިނި މޫސުމާ ކުރިމަތިވެފައިވީ ނަމަވެސް ފިނި މޫސުމާ ގުޅިގެން އެތަށް ތަކްލީފެއް މި ހަތަރު ޤައުމުގެ ރައްޔިތުން އުފުލަން ޖެހިފައިވެއެވެ. އެހެންކަމުން މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފިނި މޫސުމުން ރައްކާތެރިވެ، މި މޫސުމުގައި ދިރިއުޅުމުގެ ކަންކަން އެ ފަރާތްތަކަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!