ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މަގޫދޫގައި ކުރިއަށް ގެންގޮސްފި
ކުށް މަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. މަގޫދޫ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މަގޫދޫ ޕޮލިސް ސްޓޭޝަނުން، މިހިނގާ ފެބުރުވަރީ މަހުގެ 4 އިން 11 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެރަށުގެ ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ގޭބިސީތަކަށް ޒިޔާރަތްކޮށް އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރުން އާންމު ވެފައިވާ ކަމަށާއި، އެގޮތަށް ގުޅާ ފަރާތްތަކުގެ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. އަދި މިދުވަސްވަރާ ގުޅިގެން ސަމާލުކަން ދޭންވީ އެހެނިހެން ކަންކަމުގެ މައުލޫމާތު ވެސް ހިއްސާ ކޮށްފައި ވެއެވެ.
ހަމައެހެންމެ ފިހާރަތަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ ކުދިންނާއި ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރައިގައި ނުބޭތިއްބުމަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރެޓް ނުވިއްކުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދައްކައި ސައްހަ ނޫން ސްލިޕް ފޮނުވައި މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތް ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމު މައުލޫމާތު ދީފައިވެއެވެ.
މަގޫދޫގައި ކުރިއަށް ގެންދިޔަ އެޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު ދީ، ރަށުގައި ބޭނުންކުރާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ މައުލޫމާތު އެއްކޮށްފައި ވެއެވެ.