މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފި

ގއ.މާމެންދޫގައި ހިނގި މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފިއެވެ.
ފުލުހުން ބުނެފައި ވަނީ ގއ.މާމެންދޫގައި މި މަހު ހިނގި މާރާމާރީގައި ނިޔާވެފައިވާ އެރަށު ލިލީ އޮފްދަ ވެލީ، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
އުދައްޔު މަރާލި މައްސަލައިގައި މިހާތަނަށް ޖުމްލަ ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެންމެ ފުރަތަމަ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އޭގެ ފަހުން އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.