ވެކްސިން ޖަހަން ބާރު އެޅުމަށް އެޕަލް އިން ވެކްސިން އިމޯޖީއަށް ބަދަލު ގެނެސްފި
ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން އެޕަލް އިން ވެކްސިން އިމޯޖީއަށް ބަދަލު ގެނެސްފިއެވެ.
އިންޖެކްޝަން ޖެހުމަކީ ނުވަތަ ވެކްސިން ޖެހުމަކީ އެއްވެސް މީހަކު ކުރާ ހިތުން ކުރާނެ ކަމެއް ނޫން ކަން ޔަގީނެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައި މިވާ އާލަމީ ވަބާއިން ރައްކާތެރިވުމަށްޓަކައި ކޮވިޑް-19 ވެކްސިން ޖެހުމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ނަސޭޙަތްތެރިވަމުންނެވެ.
އެޕަލްއިން މީގެ ކުރިން ވެކްސިން އިމޯޖީގެ ގޮތުގައި ފެނިގެން ދިޔަ އިމޯޖީ ހުންނަނީ ލޭ ކުލައިގައެވެ. އެގޮތުން ސިރިންޖުގެ އެތެރޭގައި ލޭ ހުންނަ ތަން ފެނިގެންދާއިރު ކަށިން ލޭ ތިކިތައް އޮހޮރޭ މަންޒަރު އެ އިމޯޖީ އިން ފެނިގެން ދެއެވެ. އެހެން ނަމަވެސް އެޕަލްގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 14.5ގައި މި އިމޯޖީ އަށް ވަނީ ބަދަލު ގެނެސްފައެވެ.
މިފަހަރު އެޕަލްގެ ވެކްސިން އިމޯޖީގައި ލޭ ކުލައެއް ނުހުންނާނެއެވެ.އެގޮތުން މި ފަހަރު ސިރިންޖުގައި ހުންނާނީ ސާފު ހުދު ކުލައެވެ. އެޕަލްއިން މިކަމާ ގުޅޭ ގޮތުން އަދި ބަހެއް ބުނެފައި ނުވާ ނަމަވެސް ގިނަ ބަޔަކު ބުނަމުން ދަނީ މި ތަފާތަކީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
މީގެ ކުރިން މި އިމޯޖީ އަކީ ގިނަ ފަހަރަށް ލޭ ހަދިޔާ ކުރުމަށް ބާރު އެޅުމަށް ބޭނުން ކުރާ އިމޯޖީ އެކެވެ. އެހެން ނަމަވެސް ކޮވިޑް-19 ވެކްސިން ތައާރަފް ކުރުމަށް ފަހު ގިނަ ބަޔަކު ދަނީ "ވެކްސިން" ޖެހިކަން އަންގައިދިނުމަށް މި އިމޯޖީ ބޭނުން ކުރަމުންނެވެ.