ޚަބަރު

ނިރުބަވެރިއެއް ކަމަށް ބުނާ އަމީން އަލުން ޖަލަށް ބަދަލުކުރުމަށް އަމުރުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ދަ ޕްރެސް

ދީނީ ހަރުކަށި ފިކުރުތައް ފަތުރަމުންދާ ކަމަށާއި، ބޭރުގެ ހަނގުރާމަތަކުގެ ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީން ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، އަލުން ޖަލަށް ބަދަލު ކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

Ads by Sosun Fihaara

ދައުލަތުން އޭނާގެ މައްޗަށް ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ނިރުބަވެރި އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން އަމުރު ކޮށްފައެވެ.

އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމަށް ވަނީ ޝަރުތު ވެސް ކޮށްފައެވެ.

އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ބުނެފައި ވަނީ އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި، އެހެންކަމުން އެ ނިންމުން ބާތިލުކޮށް މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލަމުން އަންނަ ގާޒީ ވަކި ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!