ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް އައީ ދެތިން މީހަކަށް: އެޗްއީއޯސީ

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ވެކްސިން ދިން މީހުންގެ ތެރެއިން ބޮޑު ސައިޑް އެފެކްޓެއް ފެނިފައި ވަނީ ވަރަށް މަދު މީހެއްގެ ގައިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.
އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ލައްކައެއްހާ މީހުންނަށް ވެކްސިން ދީގެން ބޮޑު ސައިޑް އިފެކްޓެއް އައިސްފައި ވަނީ ދެތިން މީހަކަށް ކަމަށް ކަމަށެވެ.
ނަމަވެސް ވެކްސިން ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތައް ގިނަ ބަޔަކަށް ކުރިމަތިވި ކަމަށާއި އެ އަލާމާތްތަކަކީ އަވަހަށް ރަނގަޅުވާ އަލާމާތްތަކެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
މިވަގުތު ބަލިން އަވަހަށް އަރައިގަތުމަށް އޮތް އެންމެ ރައްކާތެރި އަވަސް ހަތިޔާރަކީ ވެކްސިން ކަން ފާހަގަ ކުރައްވައި ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ރައްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ މީހުން މިހާތަނަށް ޖަހާފައިވާ ކަމަށެވެ.
ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުން ކަން ވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.