ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމެންޓެއް ރާއްޖެ ގެނެސްފި
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެ ގެނެސްފިއެވެ.
އެޗްއީއޯސީން ވިދާޅުވީ ވެކްސިންގެ ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 20ވަނަ ދުވަހު ކަމަށެވެ.
މިއީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަބާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހަދިޔާ ކުރެއްވި ވެކްސިނެވެ. އެގައުމުން ރާއްޖެ ހަދިޔާ ކޮށްފައި ވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެކެނާގެ ކޮވިޝީލްޑް ވެކްސިނެވެ.
މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ވެކްސިނުގެ 1 ލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ.
ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ ކޮވިޑް-19ގެ ވެކްސިނެވެ. ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މި ވެކްސިން ވަގުތީ ގޮތުން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޗްއެޗްއޯ)އިން ހުއްދަ ދީފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.