ނަމާދާ ދުރު ވެއްޖެ މީހާ ދެދުނިޔޭގައި ވެސް އަބާއްޖަވެރިވެއްޖެ ކަން ކަށަވަރެވެ.
އިންސާނުން ދުނިޔެއަށް ފޮނުވުނު އެންމެ ބޮޑު މަޤުސަދަކީ މާތް الله އަށް އަޅުކަން ކުރުމެވެ. މިދުނިޔެއަކީ އާޚިރަތަށް އޮތް އިމްތިހާނެކެވެ. ތިބާގެ ސުކޫލުން ދޭ އިމްތިހާނުން ފާސްވުމަށް ގަދައަޅައި މަސައްކަތް ކުރާ ބީދައިން އާޚިރަތުގެ އިމްތިހާނަށް ވެސް ގަދައަޅައި މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެ އިމްތިހާނަކީ ތިބާގެ ސުކޫލުން ދޭއިމްތިހާނަށް ވުރެން އެތައް ގުނައެއް ބޮޑު އިމްތިހާނެކެވެ.
އެކި ކަންކަމުގައި ކަންނިންމުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ ނޫން ހެއްޔެވެ؟ ކާމިޔާބަކީ ބައެއް މީހުންނަށް ލިބޭ އެއްޗެކޭ ބުނިކަމުގައި ވީ ނަމަވެސް ކާމިޔާބު ކޮންމެ ދުވަހަކުވެސް 5 ފަހަރު ތިބާއަށް ގޮވާލާ ކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އަދި އެ ގޮވާލުމަށް އިޖާބަ ދިނުމާއި ނުދިނުން ވަނީ ތިބާގެ އަތްމަތީގައެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ؟ ތިބާގެ މަރު ތިބާއަށް ގޮވާލާނީ އެންމެ ފަހަރަކުއެވެ. އެ ގޮވާލުމަށް ތިބާ ރުހުނަސް، ނުރުހުނަސް އިޖާބަ ދޭން މަޖުބޫރުވާނެއެވެ.
ކަން މިހެން އޮތުމާއެކު ތިމާ ނަމާދުގެ މައްޗަށް އެހެން ކަންކަން އިސްކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ނަމާދުކުރަން ފޫހިވަނީ ހެއްޔެވެ؟ ހަމަގައިމުވެސް ނަމާދު ކުރުމަށްޓަކައި ގާތްގަނޑަކަށް 5 މިނެޓު ނަގާއިރުގައި، ތިމާ ކުޅޭ ޕަބުޖީފަދަ ގޭމަށް ދުވަހުގެ ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟ މަރުވާއިރަށް އަނެއްކާވެސް ފަށަނީއެވެ. އޭ އިންސާނާއެވެ. މިއަދު ތިމާ މިސްކިތައް ނުދިޔަ ކަމުގައި ވީ ނަމަވެސް ކޮންމެވެސް ދުވަހަކު ތިބާގެ މައްޗަށް ނަމާދު ކުރުމަށްޓަކައި މިސްކިތައް ގެންދެވޭނެއެވެ.
ދުނިޔޭގައި ޙަޔާތް ވޭތުކުރަމުން ދާވަގުތު ތަކުގައި، ތިމާއަށް ކުރިއަށް ދިއުމަށް އޮތް ދޮރުތައް ބަންދުވެ ދަތި ހާލުގައި ޖެހުމުން ތިބާއަށް މަގުދައްކައިދޭ އެއްޗެއް ގޮތުގައި ނަމާދުވާނެއެވެ. ކަށްވަޅުގެ އެ އަނދިރި ކަމުން ތިމާއަށް އަލިކަމެއް ކަމުގައި ތިބާ ކުރާ ނަމާދު ތިބާއާއެކު ވާނެއެވެ. ވީއިރު ހާސްކަމެއްނެތި ދުނިޔޭގެ ވަގުތީ އުފަލުގައި ޙަޔާތް ވޭތުކުރަމުން އަންނަ އިރުގައި، ތިމާގެ މައްޗަށް ނިދާ އިއްވޭނެ ވަގުތެއް އަދި ތަނެއް ތިމާއަށް އެނގޭ ހެއްޔެވެ؟
ސުވަރުގޭގެ ތަޅުދަނޑި ކަމުގައިވާ ނަމާދު ، އެޅުމަކީ ހާދަހާ ނުބައި ޢަމަލެކެވެ. ވަގުތުން ވަގުތަށް ނުކުރެވުނަސް އެ ނަމާދު ވަގުތު ފަހަނަ އަޅައި ދިއުމުގެ ކުރިން ނަމާދު ކޮށްލެވޭނެއެވެ. މިހުންނަނީ އިސްލާމް ދީނުގެ ލުއި ފަސޭހަ ގޮތްތަކެވެ. ކޮޅަށް ހުރެ ނަމާދު ނުކުރެވޭ މީހާ އިށީނދެ ނަމާދު ކުރެވިދާނެއެވެ. އަދި އިށީނދެ ނަމާދު ނުކުރެވޭ މީހާ އޮށޯވެ ނަމާދު ކުރުމުގެ ފަސޭހަ ގޮތް އަޅުގަނޑުމެންގެ މާތްވި އިސްލާމް ދީނުގައި ވެއެވެ. އަދި ދަންނަވަންތޯއެވެ. އެންމެ ބަލި މީހާ ލޮލުގެ އިޝާރާތުން ވެސް ނަމާދު ކުރުމުގެ ފަސޭހަކަން އިސްލާމް ދީނުގައި ވެއެވެ.
ނަމާދު އެޅުމުގެ ނުބައިކަން އެނގޭ މީހަކު މަރުބަލީގައި ވެސް އޮވެ ނަމާދު ނާޅާވޭތޯ މަސައްކަތް ކުރާނެއެވެ. ނަމާދެއް އެޅިއްޖެ ނަމަ އެކަމާ ހިތާމަކޮށް މާތް الله ހަޟްރަތުން މަޢާފަށްއެދި އެކަމުގެ ޢަޒާބާ މެދު ވިސްނާ ބިރުގަންނާނެއެވެ. އޭ އިންސާނާއެވެ. ތިބާގެ މައްޗަށް ނަމާދު ކުރެވުމުގެ ކުރިން ތިބާ ނަމާދު ޤާއިމް ކުރާށެވެ.