ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އޭޕްރީލް 4 އާ ހަމައަށް އިތުރުކޮށްފި

ރާއްޖޭގައި އިއުލާނު ކޮށްފަައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިފަހަރު އިތުރު ކޮށްފައި ވަނީ މިއަންނަ މަހު 4 އާ ހަމައަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައި ވަނީ މިދިޔަ އަހަރު މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު، އެކި ފަހަރު މަތިން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދިގު ދަންމާފައެވެ.
މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ސޮއި ކުރައްވާ ދެންމެ އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ ނުރައްކާތެރި ބަލި، އަދިވެސް ފެތުރުމުގެ ނުރައްކާ އޮތް ހިނދު، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރާ ކަމަށެވެ.
ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 115,873,165 ގައި އުޅޭއިރު، މިބަލި ޖެހިގެން މިހާތަނަށް 2,573,712 މީހަކު ވަނީ މަރުވެފައެވެ. އަދި ރާއްޖެއިން 20,280 މީހަކަށް މިބަލި ޖެހިފައިރު، މިބަލީގައި 63 މީހަކުވަނީ ނިޔާ ވެފައެވެ.
ކޮވިޑް-19 ގެ ތިންވަނަ ރާޅެއް ރާއްޖެއަށް އަރާފައިވާއިރު، މާލޭގައި މިވަގުތު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މާލޭގައި ރޭގަނޑު 6 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި ވާއިރު، 11 އިން ފެށިގެން ކާފިޢު ވެސް ހިންގައެވެ.