ޚަބަރު

އެމްއާރއެމް އޮތީ ސަރުކާރާއެކު: ޔުމްނާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ރައީސް މައުމޫންގެ މޭސްތިރިކަމުގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރއެމް) އިން އިދިކޮޅު ފަރާތްތަކާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް، ރައީސް މަޢުމޫންގެ ދަރިކަނބަލުން، އެމްއާރއެމްގެ ނަައިބު ރައީސާ ޔުމްނާ މަޢުމޫން ދޮގު ކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ އޮންލައިން ނޫސް "ރާއްޖެ.އެމްވީ" އިން އާއްމު ކުރި ރިޕޯޓެއްގައި ރައީސް މަޢުމޫން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ވަނީ ބުނެފައެވެ. އަދި އިދިކޮޅު ފަރާތްތަކާއެކު، 2023 ވަނަ އަހަރު އޮންނަ އިންތިޚާބުގެ ކުރިން ކޯލިޝަނަކަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ މުޒާހަރާތަކުގައި އެމްއާރްއެމްގެ ސަޕޯޓަރުން ބައިވެރިވަމުން އަންނަ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އަދި ޕީޕީއެމްގެ ޖަގަހައާ އިންވެގެން ހުރި ގުދަނެއް ރައީސް މައުމޫނަށް ޖަގަހައެއް ހެދުމަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެނޫޙުގައި ބުނެފައިވެއެވެ.

މި ރިޕޯޓަށް ރައްދު ދެއްވަމުން، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ، ޔުމްނާ ވިދާޅުވެފައި ވަނީ، އެމްއާރްއެމް އިން އިދިކޮޅު ފަރާތްތަކާ ގުޅެން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި މިފަދަ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި މި ވާހަކަތަކަކީ ޙަޤީޤަތް އޮޅުވާލަން ބަޔަކު ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

"ރާއްޖެ.އެމްވީ" އިން މީގެ ކުރިން ވަނީ އިދިކޮޅުން ބާއްވަމުން އަންނަ މުޒާހަރާގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބައިވެރިވާ ކަަމަށް ރިޕޯޓް ކޮށްފައެވެ. ނަމަވެސް ފަހުން އެ ރިޕޯޓް ވަނީ ނަގާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!