ފިޝަރީސް މިނިސްޓަރ ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
މިނިސްޓަރ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު ކޯލިޝަނުންނެވެ.
10 މެންބަރުންގެ ސޮއި އާއެކު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، މަޖިލީހުން ވަނީ މިމަސްތެރޭ ކޮމިއުނިކޭޝަން މިސްޓަރ މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ. އެމައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ އިންނެވެ.
ޒަހާ މިނިސްޓަރ ކަމުން ވަކި ކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، މިނިސްޓަރކަމުން ޒަހާ ވަކި ކުރަން ނިންމާފައި ވަނީ މިސަރުކާރުން، ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް ވެފައިވާ ވަޢުދުތައް ފުއްދަމުން ނުދާތީ ކަމަށެވެ. އަދި މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ޒަހާ ވަޙީދު މަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތައް އިތުރަށް ނިކަމެތި ކަމަކަށްވާތީ، މިނިސްޓަރ މަޤާމުން ވަކި ކުރުމަށް އެދޭ ކަމަށެވެ.
"މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް
ދޭންޖެހޭ ޚިދްމަތްތައް ނުދެވި، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިޤްޠިޞާދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިނުދެވި، ރާއްޖޭގެކަނޑުތައް ދިވެހި މަސްވެރިންނަށް ޔަޤީންކޮށްދީ، ބޭރުގެ މާކެޓަށް ދިވެހި މަސްވެރިން ވަނުމުގެ ފުރުޞަތު ތަނަވަސްކޮށް، ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތައް ޤާއިމްކުރުމަކީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ބޮޑެތި ވަޢުދުތައް" މަޖިލީހަށް ފޮނުވި ލިޔުމުގައިވެއެވެ.
މިނިސްޓަރ ޒަހާއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، ރައީސް މަޢުމޫންގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރކަމުގައި ހުންނެވި ކަނބަލެކެވެ.
އިދި ކޮޅުން ހުށައަޅައިފިއްޔާ މައްސަލަ ބޭރުކޮށްލާނެ ކަން ޔަޤީން. ނޫނީ މަލީޙް ބޭރުކޮށްލުމަށް އިދިކޮޅުގެ ތާއީދު ލިބިއްޖެނަމަ މިކަމުގައި އެމް.ޑީ.ޕީގެ ސަޕޯރޓް ލިބޭނެ ކަމަށް ދެކެނީ ކަންނޭގެ.