ޕީސީއާރް ޓެސްޓުން އަގު ނެގުން ހުއްޓާލަން ޑީއެންއޭއިން ގޮވާލައިފި
ކޮވިޑް-19 އާ ގުޅިގެން ހަދާ ޕީސީއާރް ޓެސްޓު ހެދުމަށް އަގު ނެގުން ހުއްޓާލުމަށް ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ގޮވާލައިފިއެވެ.
ޑީއެންއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން، ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެތުރިފައިވާ ޞިއްޙީ ބަލިމަޑުކަމާއި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޒަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަން ޖެހިފައިވާ ޕީސީއާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ އަގަކީ ބޮޑު އަގެއް ކަމަށާއި މިއީ ރައްޔިތުންގެ އަސާސީ ޙައްޤަކުން މަޙްރޫމު ކުރުވަން އޮތް ފުރުސަތެއްކަމުގައި ސަރުކާރުން ހަދާފައިވާ ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި ޕީ.ސީ. އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށް ގެނައުމަށް ކިޓެއްގެ އަގަކީ ގާތްގަޑަކަށް 5 ޔޫއެސްޑޮލަރު (77 ދިވެހި ރުފިޔާ) އާއި 15 ޔޫއެސްޑޮރު (231 ދިވެހި ރުފިޔާ) އާ ދެމެދުގެ އަގެކެވެ. ކޮންމެހެން ދަތުރެއް ކުރަން ޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ. އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހެއެވެ. މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއްކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެކެވެ" ޑީއެންއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ސަރުކާރުގެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައި ދެމުންދާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.