ޖޫން މަހު ހުރިހާ ރަށެއްގައި އެންބިއުލޭންސް އޮންނާނެ: ހެލްތް މިނިސްޓަރު
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެންބިއުލޭންސް އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުން ނަސީމް ވިދާޅުވީ ހުރިހާ ރަަށަކަށް އެމްބިއުލާންސް ހަމަކުރުމަށް އެމްބިއުލާންސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހު ފަށާނެއެވެ. އަދި ރާއްޖެ ގެންނާނީ މުޅިން ވެސް އައު އެންބިއުލޭންސްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ޖޫން މަހު ހުރިހާ ރަށަކަށް ވާވަރަށް އެމްބިއުލާންސް ގެނެވޭނެ ކަމަށެވެ.
އެމްބިއުލާންސް ތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ޚަރަދުގައި ގެންނަ އެމްބިއުލާންސާއި ޖަޕާނު ސަރުކާރުގެ އެހީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ދަށުން ގެންނަ އެމްބިއުލާންސްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އާބާދީ ކުދި ރަށްރަށަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް ނުދެވޭ ކަން ފާހަގަ ކުރައްވައި، އެކަން ރަނގަޅު ކުރުމަށް ޓަކައި އެހެން ރަށްރަށެކޭ އެއްފަދައިން ކުދި ރަށްރަށަށް ވެސް ރަނގަޅު ޚިދުމަތްތައް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފާހަގަ ކޮށްފައެވެ.