ލ. ގަމުގައި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ތައްޔާރުވެއްޖެ
ކޮވިޑަށް ފަރުވާ ދެވޭވަރަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ތައްޔާރުވެއްޖެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގައި ތަރައްޤީކުރި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އެ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، އެ ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށެވެ. އެގޮތުން މި ފެސިލިޓީގައި ހާލު ބޮޑު ބަލިމީހުނަށް ފަރުވާދިނުމަށް 20 އައިސީޔޫ އެނދާއި 15 އައިސޮލޭޝަން އެނދުގެ އިތުރުން ކަރަންޓީންކުރުމަށްވެސް ސަރަހައްދެއްވަނީ ކަނޑއަޅާފައެވެ. އެގޮތުން މި ތަނުގައިވެސް 11 އެނދު ހުންނާނެކަމަށް އަލީ ނަޝީދު ވިދާޅުވިއެވެ.
ކޮވިޑަށް ޓެސްޓްކުރަން އެ ހޮސްޕިޓަލްގައި ވަކި ލެބޯޓްރީއެއް ގާއިމްކޮށް ޖީން އެކްސްޕާޓް މެޝިނެއް ވަނީ ބަހައްޓައިފަ އެެވެ. އެ މެޝިނުން ދުވާލަކު 48 ޓެސްޓް ހެދޭނެކަމަށް މެނޭޖަރު ވިދާޅުވި އެވެ.
ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ތެރެއިން އައިޖީއެމްއެޗާއި، އޭޑީކޭ، ފުލުހުންގެ ޑީއެންއޭ ލެބް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރަން ވަނީ ފަށާފައެވެ.