ރިޕޯޓް

ލޯތްބާއެކު2021- މި ނިކަމެތި މުސްލިމުންގެ ހިތްދަތިކަން އުފާވެރިކަމަށް ބަދަލުކޮށްލުމަށް ބޭނުންވަނީ ދީލަތި އަތްތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހަކީ އެތައް ގޮތަކުން އަހަރެމެންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވާ މައްސަރެކެވެ. އަޅުކަންތަކުގައި މީސްތަކުން ބޮޑަށް ހީވާގިވެ ، ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް މި މައްސަރުގައި އާދެއެވެ.

Ads by MWSC

ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ގެތަކުގެ ސުފުރާތައް ފުރިގެން ދެއެވެ. އެކި ބާވަތްތަކުގެ ހެދިކާ ތަކާއި އެނޫން ވެސް އެކި ކަހަލަ ކާނާތައް އަޅުގަނޑުމެން ކައި ބޮއެ ހަދަމުއެވެ. އެހެން މަސްމަހު ކާ އެއްޗިއްސަށްވުރެ މާ މީރު އެއްޗެހި އަހަރެމެން މި މައްސަރުގައި ކައި ހަދަމުއެވެ. އަޅުގަނޑުމެންގެ މި މުޖުތަމައުގައި ރަމަޟާން މަހު ފުދިގެން ނޫޅޭ މީހަކު ނޫނީ ކާންބޯން ނުލިބޭ މީހަކު ނުހުންނާނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ރަމަޟާން މަހުގައި އަޅުގަނޑުމެން މިހާ އުފަލާއި އަރާމުގައި އުޅުނެއްކަމަކު މި ބަރަކާތްތެރި މައްސަރުގައި ވެސް ވަރަށް ދަތި ހާލުގައި އުޅޭ މުސްލިމް އަޚުންނާއި އުޚްތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ އުޅެއެވެ. އޭގެ ތެރެއިން އެކެއްގެ އަސަރުގަދަ ވާހަކައެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ވަނީ ގެނެސްދީފައެވެ.

މިދިޔަ ރަމަޟާން މަހުގައި އޭނާ އުޅުނު ހާލު ކިޔައިދެމުން އޭނާ ބުނެފައި ވަނީ  އޭނާގެ ގެއާ 15 ކިލޯމީޓަރު ދުރުގައި ސޫޕް ބެހި ބަދިގެއެއް އޭރު ހުރި ކަމަށެވެ. އަދި އޭނާއަށް އެ ހިފައިގެން ގެއަށް އާދެވެނީ ރޯދާ ވީއްލާ ވަގުތު ފަހަނައަޅައި ގޮސްފައި ވަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ދަރިން ހީކޮށްގެން ތިބެނީ އެތަނުން ހުރިހާ ވައްތަރެއްގެ ކާނާ ލިބޭނެ ކަމަށް ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް އޭނާއަށް ގެއަށް ގެނެވެނީ ކަދުރުކޮޅަކާއި ސޫޕް އެކަނި ކަމަށާއި އެކަމުގެ ހަގީގަތް ދަރީންނަށް ކިޔައިދޭން ވަރަށް އުނދަގޫ ކަމަށް އޭނާ އަސަރާއެކު ފާހަގަ ކުރިއެވެ.

"އެކުދިންގެ ބައްޕަ މަރުވި ފަހުން އަހަރެމެންނަށް އެހީތެރިވާނެ އެކަކު ވެސް ނެތް. އަހަރެންގެ ނެތް އެކުދިންނަށް ކާބޯތަކެތި ހޯދައިދެވޭނެ ތަނަވަސް ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރީންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ކޮންމެވެސް ވާހަކައެއް ހަދާލަނީއެވެ. އެގޮތުން އޭނާ އެކުދިން ގާތުގައި އޭނާ މަގުމަތިން އަންނަނިކޮށް ފަގީރު އާއިލާއެއް ދިމާވެގެން އެ އާއިލާއަށް ކާބޯތަކެތި ދިނީ ކަމުގައި އޭނާ ބުނެއެވެ. އަދި ފަޤީރުންނަށް އެހީތެރިވުމާއި ޞަދަޤާތް ކުރުމުގެ މާތް ކަމާއި މުހިންމުކަން ދަރިންނަށް ކިޔައިދޭ ކަމުގައި އޭނާ ކިޔައިދިނެވެ.

އިތުރަށް އެމީހުންގެ ހާލަތު ބަޔާން ކުރަމުން އެ އަންހެން މީހާ ބުނީ އެއް ދުވަހަކު އޭނާގެ 5 އަހަރުގެ ދަރިފުޅު ކުރި ސުވާލަކުން އޭނާގެ ހިތް ފަޅައިގެން ދާހާވި ކަމަށެވެ.

" ޞަދަޤާތް ދިނުމުން ﷲ އަހަންނަށް ޡަވާބު ދެއްވާނެތަ؟" ހުވަފެން މަންމަ އެ ސުވާލު ހިއްސާ ކުރިއެވެ.

އޭނާ ބުނީ ދަރިންނަށް ބޮޑަށް ހިތްދަތިކަން ލިބެނީ ކާ މޭޒުގައި ކާ އެއްޗެއް ނެތިފައި ތިބުން ކަމެއް ނުވަތަ ބައްޕައާ ނުލާ އުޅުން ކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ.

"އަހަންނަށް އެނގޭ އަހަރެން އެކުދިންނަށް ހަގީގަތް ކިޔައި ނުދޭކަން އެކަމަކު ހުރިހާ މަންމައިންނާ އަހަރެން ސުވާލު ކޮށްލަން ބޭނުން. ތިބާގެ ދަރީންނަށް ތިބާ ތިބާގެ ދަރީންނަށް ކިޔައިދޭނީ ކިހިނަކުންހޭ ދަރިފުޅުމެންނަށް ކާންބޯން ދެވޭ ވަރުވެސް މަންމަގެ އަތުގައި ނެތްކަން؟" ނިންމާލަމުން އޭނާ ވަނީ ހުރިހާ މައިންނަށް ސުވާލެއް ދޫކޮށްލާފައެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ ކިތަންމެ ކިތަންމެ އާއިލާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭއިރު އެމީހުންގެ ޙާލަތު ބަދަލު ކޮށްލުމުގައި އަހަރެމެންނަށް ވެސް މިވަނީ ފުރުސަތު ލިބިފައެވެ. އެމީހުންގެ މާޔޫސީ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމަކީ އަހަރެމެންނަށް މިއަދު މަގު ފަހިވެފައިވާ ކަމެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ލޯތްބާއެކު ކެމްޕޭން މިހާރު ވަނީ މިއަހަރަށް އިއުލާން ކޮށްފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް އައިއޭސީން މިއަހަރު ދަނީ ގިނަ ބަޔަކަށް އެހީވުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން ޔަމަން، ފަލަސްތީން، ސީރިއާ، ލުބްނާން، (ލުބްނާންގައި އެހީފޯރުކޮށްދޭނީ ލުބްނާންގެ ރައްޔިތުންގެ އިތުރުން ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް) ، ޖޯޑަން (ޖޯޑަންގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުން)، ތުރުކީ (ތުރުކީގައި ތިބި ސީރިއާ ރެފިއުޖީން އަދި ޔޫގިއާރސް މުސްލިމް: ޗައިނާއިން ލިބެމުންދާ އަނިޔާތަކުން ފިލައިގެން ތުރުކީގެ އެހީގެ ދަށުގައި ތިބި ފަރާތްތައް) ، ނޭޕާލް ( ނޭޕާލުގެ އާއިލާތަކުގެ އިތުރުން ނޭޕާލުގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީން) ، މިޔަންމާ (ބުރުމާގެ ރަޙީން ސްޓޭޓްގެ ރައްޔިތުން) ، ބަނގްލަދޭޝް ( ބަންގްލަދޭޝްގެ ފަޤީރު އާއިލާތަކުގެ އިތުރުން ރޮހިންޔާ ރެފިއުޖީން)ގެ ނިކަމެތީންނަށް އެހީ ވުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލާފައެވެ.

މި 9 ޤައުމުގެ އިތުރުން މި އަހަރު އޭޝިއާ ބައްރުގެ އިތުރު ޤައުމުތަކާއި އަދި މުޅިން އަލަށް އެފްރިކާ ބައްރުގެ ޤައުމުތައް ވެސް މިއަހަރުގެ ލޯތްބާއެކު ކެމްޕޭނުގެ ތެރޭގައި ހިމަނާފައިވާކަން އައިއޭސީން ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން އެފްރިކާ ބައްރުގެ ތެރެއިން އެހީވާ ޤައުމުތަކަކީ ނައިޖާ، މާލީ، ޤާނާ، ޗާޑް، ސޯމާލިއާ އަދި އޭޝިއާ ބައްރުގެ ތެރެއިން އެހީވާ އިތުރު ދެ ޤައުމަކީ ސްރީލަންކާ އަދި އިންޑޮނޭޝިއާއެވެ.

މިފަހަރު ރަމަޟާން މަހާ ދިމާކޮށް އައިއޭސީން ބެހުމަށް ހަމަޖެހިފައިވާ ޕެކޭޖްތަކަކީ ފުޑް ޕެކޭޖާއި އިފްތާރު ނުވަތަ (ރޯދަވިއްލުން) ޕެކޭޖެވެ. ފުޑް ޕެކޭޖުގައި ހިމެނޭނީ ރޯދަމަހާއި ރޯދަމަސް ނިމިގެން ދުވަސްކޮޅަކަށް އާއިލާއަކަށް ކައްކައިގެން ބޭނުން ކުރެވޭ ވަރަށް ކާބޯތަކެއްޗެވެ. މީގެ ޕެކޭޖެއްގެ އަގަކީ 1125 ދިވެހި ރުފިޔާއެވެ.

މީގެ އިތުރުން މި އަހަރުގެ ރަމަޟާން މަހުގެ ލޯތްބާއިއެކު ޕްރޮޖެކްޓް ތެރެއިން ، ނިކަމެތީންގެ ދިރިއުޅުން އާރާސްތު ކުރުމަށް ކުރިއަށް ގެންދާ  "ލައިވްލީހުޑް ޕްރޮޖެކްޓް"ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮޖެކްޓުގެ ދަށުން 2018 ވަނަ އަހަރު ސޮލާރ ޕެނަލާއި ފެން ރައްކާކުރެވޭނެ ފަދަ ވަޅު އައިއޭސީއިން ވަނީ ހަދިޔާ ކޮށްފައެވެ. ހަމަ އެހެންމެ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ޕެންޑެމިކް ރިލީފްގެ ގޮތުގައި ހައިޖީނިކް ޕެކޭޖް ވަނީ ހިމަނާފައެވެ.

އައިއޭސީން ބުނެފައި ވަނީ ޕެކޭޖެއްގެ އަގަކީ 1125 ދިވެހި ރުފިޔާ ނަމަވެސް ކޮންމެ ފަރާތަކަށް ވެސް އެ ފަރާތަކަށް ދެވެން އޮތް މިންވަރެއް ސަދަގާތް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.  

ޑޮނޭޓް ކުރައްވަން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ރުފިޔާގެ އެކައުންޓް ނަންބަރު (7770000026259)އަށް ފައިސާ ޖަމާ ކުރެއްވޭނެ ކަމަށާއި އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅުއްވާ ނުވަތަ އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!