ޚަބަރު

މިޔަރަކީ އިގްތިސޯދީގޮތުން ފައިދާ ހޯދޭނެ ވަސީލަތެއް، ބޭނުން ނުކުރަންވީ ސަބަބެއް ނެތް: މިނިސްޓަރު ޒަހާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިޔަރަކީ ވެސް އިގްތިސޯދީ ގޮތުން ފައިދާ ހޯދޭނެ ވަސީލަތެއް ކަމަށާއި، ރާއްޖޭގައި ވެސް މިޔަރުން ފައިދާ ނުހޯދަންވީ ސަބަބެއް ނުފެންނަ ކަމަށް ފިޝެރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ މެންބަރަކު އިއްޔެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިޔަރު ހިމާޔަތްކޮށްފައި ވަނީ ވަރަށް މަދު ޤައުމަކުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ މިޔަރު ހިމާޔަ ތްކޮށްފައިވާ ޕަލާއޯ އަކީ ވެސް މަސްވެރިކަން ކުރާ ގައުމެއް ނޫން ކަމަށެވެ.

މެނޭޖް ފިޝަރީއެއްގެ ގޮތުގައި މިޔަރު މަސްވެރިކަން ތައާރަފްކޮށް، ވަކި މުއްދަތަކަށް ހުއްދަ ދީގެން އެ މުއްދަތުގެ ތެރޭގައި މަންފާ ހޯދުމަށް ހުޅުވައިލައްވާނެ ފަދަ ވިސްނުމެއް ހުރި ކަން ވެސް މިނިސްޓަރު ޒަހާ ހާމަ ކުރެއްވިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.

އޭރު އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެއެވެ. އެއީ ޓޫރިޒަަމް އިންޑަސްޓްރީއިންނެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާއެވެ.

މިޔަރު މަސްވެރިކަން މަނާ ކުރިއަސް ގަވައިދާ ހިލާފަށް އެކަން އަދިވެސް ކުރެ އެވެ. އެގޮތުން، ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!