ޚަބަރު

ކޮވިޑް-19: ހުޅުދުއްފާރު ސުކޫލު ދަރިވަރަކު ފައްސިވެ، ރަށް މޮނިޓަރިންއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރ. އުނގޫފާރު ކްލަސްޓާގައި ހިމެނޭ މީހަކު އެ އަތޮޅު ހުޅުދުއްފާރުން ފައްސިވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހުޅުދުއްފާރުން ފައްސިވެފައި ވަނީ އެރަށު ސުކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރެކެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ މިމަހުގެ 4ވަނަ ދުވަހު ހުޅުދުއްފާރުން އުނގޫފާރަށް ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ހުޅުދުއްފާރަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އުނގޫފާރުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ، މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓަކާ ގުޅުން އޮންނަ މީހަކަށް ވުމުން، އެ ބޯޓުގެ ފަޅުވެރިން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. އަދި އެ ބޯޓުގެ ހަތަރު މީހަކަށް ބަލި ޖެހުނުކަން ވަނީ ޔަގީން ވެފައެވެ.

މި ކޭސް އާ ގުޅިގެން އެޗްޕީއޭއިން ވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދިޔަ ފަރާތްތައް ރިޕޯޓުކުރަން އަންގާފައެވެ.

މިހާތަނަށް އުނގޫފާރު ކްލަސްޓާއާ ގުޅިގެން އެރަށުގެ އިތުރުން މޮނީޓަރިންގަށް ލާފައި ވަނީ ރ.ހުޅުދުއްފާރު، ރ، މަޑުއްވަރީ، ކ. ދިއްފުށި އަދި ޅ. ނައިފަރެވެ.

އުނގޫފާރަކީ އެ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަށް ވެފައި މެދުރާއްޖޭތެރޭގެ ގިނަ ރަށްރަށުން ބޭސްފަރުވާއަށް ކޮންމެ ދުވަހަކުވެސް އެރަށަށް މީހުން ދަތުރު ކުރެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!