ވެކްސިން ލިބުމުގައި ދަތިކަމެއް ނާންނާނެ، މިއަންނަ ހަފްތާގައި 1 ލައްކަ ޑޯޒް ލިބޭނެ
އިންޑިއާއިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިން އެގައުމުން އެކްސްޕޯޓު ކުރުން ވަގުތީގޮތުން ހުއްޓާލިޔަސް ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮވިޝީލްޑް ވެކްސިން އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރަން އިންޑިއާ އިން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ އިއްޔެއެވެ. މިކަމާ ގުޅިގެން ބައެއް ދިވެހިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒެއްގެ އިންތިޒާރުގައި ކިތައް ދުވަހު ތިބެން ޖެހިދާނެތޯ ސުވާލު އުފައްދާފައެވެ.
މިނިސްޓަރ ،މިހެން ވިދާޅުވެފައި ވަނީ މިއަދު ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިހަފްތާގެ ތެރޭގައި އިންޑިއާއިން އެއް ލައްކަ ޑޯޒް ރާއްޖެއަށް ދޭނެ ކަމަށް އެ ގައުމުން އަންގާފައިވާ ކަމަށާއި އަދި އިތުރު އެއް ލައްކަ ޑޯޒް ވެސް ރާއްޖެއަށް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އިންޑިއާ އިން މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން ވެސް ވަނީ ވެކްސިންގެ 2 ލައްކަ ޑޯޒް ދެ ފަަހަރެއްގެ މަތިން ހަދިޔާ ކޮށްފައެވެ.
އިންޑިއާއިން ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލަން ނިންމާފައި ވަނީ އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޤައުމުގައި ވެކްސިން ޖަހާ މީހުންގެ އިންސައްތަ އިތުރު ކުރުމަށެވެ. ދެން އެންމެ އަވަހަށް ވެސް އެ ގައުމުގެ ވެކްސިންތައް އެކްސްޕޯޓް ކުރެވޭނީ އެޕްރީލްގެ ފަހުން ކަމަށް، ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ، ބީބީސީން ރޭ ބުންޏެވެ.