ޑރ. ނިޔާފް ދެއްކެވީ ރަނގަޅު ވާހަކަތަކެއް، ޑޮކްޓަރުންނާއި ސިޔާސީ މީހުންގެ ހިޔާލު ތަފާތު ވާނެ: ނަޝީދު
އާންމު ސިއްހަތުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގެ ބިލާއި ގުޅިގެން ޑރ. އަލީ ނިޔާފް ދެއްކެވި ވާހަކަތައް ރަނގަޅު ކަމަށާއި ޑޮކްޓަރުންނާއި ސިޔާސީ މީހުންގެ ހިޔާލު ތަފާތު ވާނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްލާހުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެފަދަ ހާލަތެއް އިއުލާން ކުރާ ދުވަސްވަރަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ކަމަށްވާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ގަރާރު ފާސް ކުރަން ޖެހެއެވެ.
އެ ބިލަށް އާންމުންގެ މަޝްވަރާ ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައި ވިޔަސް އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ބައްޔެއް ފެތުރެމުން ދާއިރު މިސްކިތެއް ހުއްޓުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނިޔާފް ވިދާޅުވިއެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއެކު އެކަން ކުރަން ބިލުގައި ހިމެނުމަށް ނިޔާފް ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޝްވަރާ ބައްދަލުވުމުގައި ޑރ. ނިޔާފް ވަރަށް ރަނގަޅު ނުކުތާތަކެއް ފާހަގަ ކުރެއްވި ކަމަށެވެ.
"ޑރ. ނިޔާފް ވިދާޅުވި ވާހަކަ އަކީ ސިޔާސީ ކަންކަން ނިންމަވާއިރު، ސިއްހީ ލަފާ އޭގެ ތެރޭގައި ހިމެނެން ޖެހޭނެ ކަމަށް. އަޅުގަނޑު ހިތުން ފުށެއްނާރާ. މަޖިލީހުން ހުށަހަޅާފައި އޮތް ބިލުގައި އޮތް ގޮތަށް ޑރ. ނިޔާފް އެ ވިދާޅުވަނީ. ޑރ. ވިދާޅުވި އަޑު އަޅުގަނޑު ވަރަށް ސާފުކޮށް އެހިން. ޑރ.އެދިވަޑައިގަންނަވަނީ މަޖިލީހުން ގޮތެއް ނިންމާށޭ. އެހެން ނަމަވެސް އެ ގޮތް ނިންމާއިރު، އެއީ ސިއްހީ ލަފަޔާއި އިރުޝާދު ހިމަނައިގެން ނިންމާ ގޮތަކަށް ވުމޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދައުލަތެއްގެ ނިންމުންތައް ބިނާވެފައި ހުންނަނީ ހަމައެކަނި ސިއްހީ ކަންކަމުގެ މައްޗަށް ނޫންކަން ވެސް ޑޮކްޓަރަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ ދިރިހުރުމާއި ދިރިނެތުމާ ދެމެދު ހިނގާ ހަމަނުޖެހުމެއް ނުވަތަ ސުވާލެއް ކަމަށް ވާ ނަމަވެސް ދައުލަތުން ގޮތެއް ނިންމާނީ ސިއްހީ ލަފަޔާއި އިގްތިސޯދި ލަފަޔާއި އިޖްތިމާއީ ލަފާ ހިމަނައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނިޔާފްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ނިޔާފަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހާއި މާބޮޑަށް އަޅައިގަނެގެން އުޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.