އުނގޫފާރު ކްލަސްޓާ: 6 މީހުން ފައްސި ވެއްޖެ
![](https://dhen.mv/wp-content/uploads/2021/03/b_qrF0AX44F2u4NP23qEY3Psrza-850x548.jpg)
ރ. އުނގޫފާރުން ހަ މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
6 މީހަކު ފައްސި ވެފައިވާއިރު އޭގެ ތެރޭގައި ހައިރިސްކުގެ ތިން މީހުން ހިމެނޭ ކަމަށާއި ދެ މަހުގެ ތުއްތު ކުއްޖެއްވެސް ހިމެނޭ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އުނގޫފާރުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ، މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓަކާ ގުޅުން އޮންނަ މީހަކަށް ވުމުން، އެ ބޯޓުގެ ފަޅުވެރިން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. އަދި އެ ބޯޓުގެ ހަތަރު މީހަކަށް ބަލި ޖެހުނުކަން ވަނީ ޔަގީން ވެފައެވެ.
އުނގޫފާރުން ބަޔަކު ފައްސި ވުމާއެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރި އެންމެން ކަރަންޓީނު ވާން ވަނީ އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް ދަތުރުކުރި ނައިފަރު މީހަކާއި ދިއްފުށިން ދެ މީހަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އެހެންކަމުން އެ ދެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފައެވެ.