މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި
މާޒިޔާ ސްޕޯޓްސް ކްލަބް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާ ކާރު ކޯޗު މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.
މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް ހަމަޖެއްސީ ކުރިން އެޓީމަށް އިރުޝާދު ދެމުން ގެންދިޔަ ރާއްޖެއިން ބޭރު ކޯޗު މަރުޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަ ވުމުގެ ސަބަބުން މާޒިޔާއިން އޭނާ ދޫކޮށްލުމާ ގުޅިގެންނެވެ. ސެކުލޮސްކީގެ އެއްބަސްވުން ހަމަވެ އޭނާ ދޫކޮށްލުމަށްފަހު މާޒިޔާއިން ބުނެފައިވަނީ ދެން އެކުލަބަށް އިރުޝާދު ދޭނީ ދިވެހި ކޯޗެއް ކަމަށެވެ.
މުހައްމަދު ނިޒާމް މާޒިޔާގެ ކޯޗުކަމާ ހަވާލުވީ އެއް އަހަރު ދުވަހަށެވެ. އެހެން ކަމުން ކުރިއަށް އޮތް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތާއި އަންނަ ސީޒަންގައި މާޒިޔާގެ ކޯޗަކަށް ހުންނާނީ ނިޒާމްއެވެ.
ނިޒާމްބެގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅޭނެ ފުރަތަމަ މެޗަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަޝަންދުރަ ކިންގްސްއާ ދެކޮޅަށް ބައްދަލު ކުރާ މެޗެވެ.
ފާއިތުވެދިޔަ 2019 ވަނަ އަހަރު ނިޒާމްބެ ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އިރުޝާދު ދީފައެވެ. އަދި ބަންގްލަދޭޝްގެ ޓީމަކަށް ވެސް އޭނާ ވަނީ އިރުޝާދު ދީފައެވެ.
މީގެ ކުރިން ނިޒާމްބެ ވަނީ ޓީސީ ސްޕޯރޓްސް ކްލަބަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އެޓީމާއެކު ނިޒާމްބެ ވަނީ އެތައް ކާމިޔާބީއެއްވެސް ހޯދާފައެވެ.
އެކާމިޔާބީތަކަށް ބަލާލާއިރު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓާރނޭޝަނަލް ކަޕްގެ ޗެމްޕިއަން ކަންވެސް ޓީސީއަށް އޭނާ ވަނީ ހޯދައިދީފައެވެ. އަދި 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ޓީސީއިން ހޯދި އިރުވެސް އެ ޓީމަށް އިރުޝާދު ދިނީ ނިޒާމްބެއެވެ.