ޚަބަރު

ވެންޓިލޭޓަރުގެ ޚިޔާނާތް: ދައުވާކުރުމުގެ ވިސްނުމެއް ޕީޖީން އެއްއިރަކު ވެސް ނުގެންގުޅޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އޭސީސީގެ މެމްބަރުން/ ދެން އިމޭޖްސް

ކޮވިޑް-19 ގެ ހާލަތުގައި ބަލިހާލު ދެރަވި މީހުންނަށް ފަރުވާ ދެއްވުމަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް، ރާއްޖެ ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވާ މައްސަލައިގައި ދައުވާ ކުރުމުގެ ވިސްނުމެއް އެއްއިރަކުވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނުގެންގުޅޭކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެމައްސަލަ ރިވިއު ކުރުމަށް މިހަފްތާގެ ތެރޭގައި އަލުން ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަަށެވެ.

މިއީ މިމައްސަލަ ބަލައި ދިނުމަށް އެދި އޭސީސީން ހުށަހަޅާ ތިންވަނަ ފަހަރެވެ.

ވެންޓިލޭޓަރު މައްސަލައިގައި ޕީޖީ އޮފީހުން ކުރިން ބުނީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

އެ ނިންމެވުން ރިވިއު ކޮށްދެއްވުމަށް އެދި އޭސީސީން ހުށަހުޅުމުން، ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލައިގައި ކުރިން ނިންމެވި ގޮތް ބަދަލު ކުރެވެން ނެތް ކަމަށާއި އެހެންކަމުން މިމައްސަލަ ބެލެން އަދިވެސް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން އޭސީސީއަށް ވެސް ފިއްތުންތަކަކާއި ފާޑުކިޔުންތައް އަމާޒުވުމުން، އެކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އޭސީސީގެ ރައީސް ވިދާޅުވީ މިމައްސަލަ އަނެއްކާވެސް ރިވިއު ކުރަން މިހަފްތާގެ ތެރޭގައި އެދިލައްވާނެ ކަމަށެވެ.

"މީގައި އެބަދޭ ވަރަށް ބޮޑު ޓެކްނިކަލް ޑިބޭޓެއް ވެސް. ޕީޖީ އާއެކީ އަޅުގަނޑުމެން މަޝްވަރާ ކޮށްފިން ބައްދަލުވުން ތަކުގައި ވެސް، ލިޔެކިޔުންތައް ވެސް ބަދަލު ކުރެވިއްޖެ. އެހެންނަމަވެސް އަޅުގަނޑުމެން އަދި މިތިބީ މި ކޭސްއާ ގުޅިގެން ދޫކޮށްލާ ހިސާބަކު ނޫން. އެހެންވީމަ އަޅުގަނޑުމެން އަދިވެސް ޗެލެންޖު ކުރެވެން ހުރި ކަންތައްތަކުގައި، ޗެލެންޖު ކުރެވެން ހުރި ޕޮއިންޓު ތަކުގައި އަދިވެސް ހިފާނަން" ޝިއުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ އަންޑަ-ރިސޯސްޑް ވަރަށް ބައިވަރު މައްސަލަތަކެއް އޭސީސީން މިހާރުވެސް ބެލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ކަންކަން ވެސް އޭސީސީން ބަލަމުން ގެންދަވާ ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!