އުދައްޔުގެ މަރު: ކުޑަ ކުއްޖަކާއި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި

ގއ. މާމެންދޫގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީގައި މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ކުޑަ ކުއްޖަކަށާއި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދާއި ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށާއި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާ ދެކޮޅަށެވެ.
މި މައްސަލައާ ގުޅިގެން އަހުމަދު ޝަމީމާއި ޝަރަފް ރަޝީދާއި މާޒިންގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ކުޑަ ކުއްޖާގެ ދައުވާ ޖުވެނައިލް ކޯޓަށް ހުށަހަޅައި އަނެއް ތިން މީހުންގެ ދައުވާ ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓަށެވެ.