އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް އަދި އައިސްފައެއް ނުވޭ: ޝަރީފް

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް އަދި އައިސްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ވިދާޅުވީ އީސީން އަދި ނަތީޖާ އިއުލާނު ނުކުރައްވާ ކަމަށާއި އެ ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރައްވާނީ މިއަދު ހަވީރު ކަމަށެވެ.
"އަދިއެއް މިހާތަނަކަށް ވޯޓު ގުނުމުގައާއި ވަކި ފޮއްޓެއްގެ ނަތީޖާއާ ބެހޭ ގޮތުން ވެސް ޝަކުވާއެއް އައިސްފައެއް ނެތް" ޝަރީފް ވިދާޅުވިއެވެ.
ކައުންސިލު އިންތިހާބުގެ ގިނަ ގޮނޑި މިފަހަރު ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ އެމްޑީޕީއެވެ. ނަމަވެސް އެ ޕާޓީއަށް މި އިންތިހާބުގައި ވަނީ މުހިންމު ގޮނޑިތަކެއް ގެއްލިފައެވެ. އޭގެ ތެރޭގައި މާލެސިޓީގެ މޭޔަރުކަމާއި އައްޑޫސިޓީގެ އަޣުލަބިއްޔަތު ހިމެނެއެވެ.