ޚަބަރު

އިންތިހާބުގެ ވަގުތީ ނަތީޖާ އީސީން މިރޭ އިއުލާނު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
2020ގެ ކައުންސިލު އިންތިހާބަށް ވޯޓުލުމުގެ ތެރެއިން/ ފޮޓޯ: ދެން އިމޭޖްސް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޙާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނެ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ އެ ކޮމިޝަނުން މިރޭ އިއުލާނު ކުރައްވާނެ ކަމަށާއި ނަމަވެސް ނަތީޖާ އިއުލާނު ކުރަން ފެށޭނީ ބޮޑަށް ބެލެވޭ ގޮތުގައި މިރޭ 00:00ގެ ފަހުން ކަމަށް ވެސް އީސީ ޝަރީފް ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ތެރެއިން، ވޯޓުލައިފައި ވަނީ 67 އިންސައްތަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ހާމަ ކޮށްފައެވެ.

އީސީގެ ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ވޯޓުލާނެ ކަމަށް އެ ކޮމިޝަނުން އަންދާޒާ ކުރީ 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ އަަދަދެއް ކަމަށެވެ. އެހެން ނަމަވެސް 67 އިންސައްތަ މީހުން ވޯޓުލިކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، އޭގެތެރެއިން 22 އިންސައްތަ މީހުންނަކީ މާލެއިން ވޯޓުލީ މީހުން ކަމަށެވެ.

އެ ކޮމިޝަންގެ ރައީސް މިއަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބާއި ގުޅިގެން މިހާތަނަށް ފެންނަ ނަތީޖާއަށް އެއްވެސް އަސަރެއް ނުވަތަ ބަދަލެއް އައިސްފާނެ ކަމުގެ އެއްވެސް ޝަކުވާއެއް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!