ނިޔާވި ބިދޭސީއަކު ކޮވިޑަށް ފައްސިވެއްޖެ
ރާއްޖޭގައި ނިޔާވި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ރޭގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެނައި ބިދޭސީއެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ދިރިއުޅެމުންދިޔަ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވައެވެ. އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ވަނީ މަރުވެފައެވެ.
އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެމީހާގެ ޓެސްޓް ހެދުމުން ކޮވިޑަށް ވަނީ ފައްސިވެފައެވެ.
ނަމަވެސް ކޮވިޑްގެ އަލާމާތެއް އޭނާގެ ކިބައިން ފެނިފައި ނުވާ ކަމަށާއި އެހެން ކަމުން އެއީ ކޮވިޑް މަރެއްގެ ގޮތުގައި ނުބަލާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން އިއްޔެ ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައެވެ. އެއީ ރާއްޖެއިން މި ބަލީގައި މަރުވި 16 ވަނަ މީހާއެވެ.