މައި ދެ ފިކުރުގައި އޮތް ގދ.ވާދޫ، މިފަހަރު ޚިޔާރު ކުރީ މިނިވަން ފިކުރު
އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ.ވާދޫގެ ހަތަރު ގޮނޑި އަމިއްލަ ގޮތުން އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
މިހާރު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ވާދޫގެ ކައުންސިލަށް އެ ޕާޓީން އެއްވެސް މެންބަރަކު ކުރިމަތި ލައިފައި ނުވާއިރު ވެރިކަން ކުރާ މައި ޕާޓީން ވެސް ވާދަ ކުރެއްވީ ވެސް އެންމެ ކެނޑިޑޭޓެކެވެ. އޭނާ ވަނީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިން ކުރި ހޯއްދަވާފައެވެ.
ވާދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި ކެނޑިޑޭޓް ހަސަން އަބްދުﷲއެވެ. އޭނާއާ ވާދަ ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި އިނާޔަތުﷲ އިބްރާހީމް އާއި މުހައްމަދު ވަހީދުއެވެ.
އެ ރަށުގެ ކައުންސިލްގެ އާންމު މެންބަރު ކަމަށް ހޮވިފައި ވަނީ ހާޝިރު މުހައްމަދު އާއި މުހައްމަދު ޝިފާޤް އެވެ. އެ ދެ ކެނޑިޑޭޓުންނާ ވާދަ ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އަހްމަދު ދީދީ އާއި އަބްދުﷲ ރުޝްދީ އާއި އަހްމަދު އަބްދުލްކަރީމް ސައީދު ރުޝްދީ އާއި އަހްމަދު މިޢުޝަމްގެ އިތުރުން ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި އަލީ ދީދީއެވެ.
ވާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ކުރިމަތިލެއްވި ކެނޑިޑޭޓް ސާރާ މުހައްމަދުއެވެ. އަނެއް ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތިލެއްވި މާރިޔަތު އިބްރާހިމްއެވެ. މި ދެ ކެނޑިޑޭޓުންގެ ވާދަވެރިންގެ ގޮތުގައި އިންތިޚާބަށް ކުރިމަތި ލެއްވީ ހުސް އަމިއްލަ ކެނޑިޑޭޓުންނެވެ. އެއީ އީނާސް އަހްމަދު ރުޝްދީ އާއި އައިޝަތު ނުހާއެވެ.
ހަރުކަށި ފިކުރު ޚިޔާރު ނުކުރިކަން ވަރަށް ދެރަ.