މިސްކިތް ހުޅުުވުން ލަސްވަނީ ސައުދީގެ އޮފިޝަލުންނަށް ނާދެވިގެން: ސަރުކާރު
ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ އެ ތަން ހުޅުވުުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނަށް ރާއްޖެ ނާދެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ މިސްކިތަކީ ސައުދީން އިމާރާތްކޮށްފައިވާ މިސްކިތަކަށްވާތީ އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށެވެ.
“ކިންގް ސަލްމާން މިސްކިތް ހުޅުވުމަށްޓަކައި ތާރީހުތައް ކަނޑައެޅި ހިސާބުން ކޮވިޑް-19ގެ ހާލަތުން މުޅި ދުނިޔެއަށް ކުރިމަތި ވީ ގޮތަށް އަދިވެސް ރައްކާތެރިކަމާއެކު ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްްވާ ވާހަކަ ހިތާމައާ އެކު ފާހަގަކުރަމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިސްކިތުގައި ގާއިމްކުރަން ޖެހޭ ވަސީލަތްތައްް ގާއިމްކޮށް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ.
ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ރައީސް ޞާލިހު އެ ދުވަހު ވިދާޅުވީ އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވުމަށް ނިންމާފައި އޮތީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ. އެ ގޮތުން އެ މިސްކިތް ހުޅުވުމަށް ނިންމެވީ ސައުދީ އަރަބިއްޔާގެ އިސްވެރިންތަކެއް ވަޑައިގެން ކަމަށާއި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެކަން ފަސްވެގެން ދިޔައީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މިސްކިތެއްވީމަ ތި އުނދަގޫ ވަނީ. މަޖާކުރާ މަރުކަޒު ގާނޫނު ހަދައިގެން ވެސް އަވަސް ކުރާނެ.