ދަރުސް ހުއްދަ ނުފޮނުވި އޮތީ އިދާރީ އޮޅުމަކުން: އިސްލާމިކް މިނިސްޓްރީ

ކޮންމެ ރޯދަ މަހެއްގައި ވެސް ޖަމިއްޔަތުއް ސަލަފުން ބާއްވާ ދީނީ ދަރުސް ސިލްސިލާ މިއަހަރު ބޭއްވުމަށް ނިންމައި އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އަށް އެދި ލިޔުން ފޮނުވި ނަމަވެސް މިނިސްޓްރީން ހުއްދައިގެ ލިޔުން ނުފޮނުވި އޮތީ އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ފުރުގާން މިސްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމާ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް އިއްޔެއާ ހަމައަށް ވެސް އިސްލާމިކް މިނިސްޓްރީން ޖަވާބެއް ނުލިބޭ ކަމުގައި ސަލަފުން ބުނެފައި ވެއެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި މިނިސްޓްރީއަށް އަމާޒުވެފައި ވަނިކޮށް މިނިސްޓްރީން ބުނީ ސަލަފުން އެދުނު ހުއްދަ، ދޭން ނިންމައި އެކަމުގެ ލިޔުން ތައްޔާރު ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ލިޔުން އެ ޖަމިއްޔާއަށް ނުފޮނުވި އޮތީ އިދާރީ އޮޅުމަކުން ކަމަށާއި، އިއްޔެ އެކަން ފާހަގަވުމުން ސަލަފުގެ އިސް ވެރިޔަކަށް ފޯނުން ގުޅާ ދަރުސް ސިލްސިލާއަށް ހުއްދަ ދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.