200އަށްވުރެ ގިނަ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރެވޭނެ: އީސީ

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ 200އަށްވުރެ ގިނަ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 200އަށްވުރެ ގިނަ ވަގުތީ ނަތީޖާ އިއުލާނު ކުރުން މިރޭ 10:00އިން ފެށިގެން ދައުލަތުގެ ޓީވީ މެދުވެރިކޮށް ދައްކާނެ ކަމަށެވެ.
އެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށީ އިއްޔެއެވެ. ހަބީބް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނެ ކަމަށެވެ.
އިންތިހާބާ ބެހޭ ޤާނޫނުގައި ބުނާ ގޮތުގައި، އިންތިހާބެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ވަކި މުއްދަތެއް ދީފައިނުވި ނަމަވެސް، އެ އިންތިހާބެއް ބޭއްވޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެއެވެ. އެހެންކަމުން މި ހިނގާ އޭޕްރިލް މަހުގެ 24ގެ ކުރިން، މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނަށް ޖެހޭނެއެވެ.