ބޮޑުވަޒީރުކަން ޙާޞިލްވާނީ ދުސްތޫރީ ހަމަތަކުން ނިޒާމް ބަދަލުކޮށްގެން: ކުރީގެ އުއްތަމަ ފަޑިޔާރު

ބޮޑުވަޒީރުކަމަށް ޝައުޤުވެރި ވިޔަސް އެކަން ހާޞިލް ކުރެވޭނީ ދުސްތޫރީ ހަމަތަކުގެ މަތީން ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ޑީޑީ ވިދާޅުވެއްޖެއެވެ.
ޑރ. ޑީޑީ މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޑީޑީ މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވީ ބޮޑުވަޒީރުކަމަށް ޝައުޤުވެރި ވިޔަސް ދެ ކަމެއް ފުރިހަމަވެގެން މެނުވީ އެކަން ޙާޞިލު ނުވާނެ ކަމަށެވެ.
" 1- ދުސްތޫރީ ހަމަތަކުގެ މަތިން ބަރްލަމާނީ ނިޒާމެއް ޤާއިމުވުން. 2- އަލަށް އުފެދޭ ބަރްލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިޚާބުކުރާ މަޖިލީހުގެ 50% މެޖޯރިޓީ ލިބޭ ޕާޓީ /ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވުން" ޑރ. ޑީޑީ ވިދާޅުވިއެވެ.
https://twitter.com/AABDULLADIDI/status/1383948045016985601?s=20
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ މިނޫންގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުން ކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން ކަމަށާއި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ ކަމަށެވެ.
https://twitter.com/AABDULLADIDI/status/1383948049009967107?s=20
ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.







ކޮމެންޓް