ފަންނީ މީހުން ފްލެޓު ދޫކޮށްލަން އިތުރު ފުރުސަތު ދީފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން ބޭނުން ނަމަ ސަރުކާރުން ހިންގާ އެ އަށް ވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނެއްގައި ބުނީ ފަންނީ ކެޓަގަރީ މީހުންގެ ތެރެއިން ފްލެޓު ދޫކޮށްލަން އެދޭ މީހުންނަށް ސަރުކާރުގެ އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ދިނުމުގެ ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައް މިހާރު ކުރިޔަށްދާތީ، އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވެސް ތިން މަސް ދުވަހުގެ މުއްދަތެއް، ހުޅުވާލެވޭ ފުރުސަތުގެ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަންދެން ހިޔާ މަޝްރޫޢުގެ ދަށުން ލިބޭ ފްލެޓް ދޫކޮށްލުމަށް ފަހު އެހެން ބޯހިޔާވަހި ކަމުގެ މަޝްރޫއަކަށް ބަދަލު ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ފަންނީ ކެޓަގަރީގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކަށް،އެ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށް ހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
މި ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެން ދާނީ، އެ ފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާ އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގެރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ޚާއްޞަ ކެޓަގެރީއާއި، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީއެވެ.