ސަލްމާގެ ގަޔަށް މެދުނުކެނޑި ލޭ އެޅިން، ނިޔާވީ ދޭންޖެހޭ ފަރުވާ ދެމުން ދަނިކޮށް: އޭޑީކޭ
މިދިޔަ ފެބްރުއަރީ މަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރު (25އ.) ގެ ގަޔަށް މެދުނުކެނޑި ލޭ އެޅި ކަމަށާއި، އަދި އޭނާއަށް ދޭންޖެހޭ ފަރުވާ ވެސް ވަގުތުން ވަގުތަށް ދިން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ ސަލްމާ ނިޔާވި މައްސަލައިގައި ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. ސަލްމާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ކުރު ތަހުގީގު ރިޕޯޓްގައި ބުނެފައި ވަނީ ވިހެއުމަށް ފަހު އަންހެން މީހާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.
ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އެ އާއިލާއިން ހަމަޖައްސައި ކްރޮސް މެޗު ވެސް ހެދި ކަމަށާއި ސަލްމާ ގަޔަށް އަޅަން ޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށް ފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅައިފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ލޭ ގެނައީ ވެސް ސަލްމާ ގެ މޫނު މައްޗަށް އަނދިރިވާން ފެށުމުން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން އޭޑީކޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަލްމާ އެ ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން ފަރާތްތަކެކޭ ވެސް އެއްގޮތަށް ކަމަށެވެ. އަދި ވިހެއުމުގެ ކަންކަން ގޮސްފައި ވަނީ ވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ވިހެއުމަށް ފަހު އާންމުކޮށް ލޭއަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަ ކުރެވިގެން އެކަމާ ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. މިގޮތުން ލޭ މަނާ ކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް ބުނެފައި ވެއެވެ.
"ނަމަވެސް ލޭ ފެއިބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ވާނީ ފަށާފައެވެ. ނަމަވެސް ޕޭޝަންޓްގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާ ކުރުމަށް ޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަން ވެސް ވާނީ ފަށައިފައެވެ. އަދި ލޭއެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކާއެކު ވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔައެވެ. ކާޑިއެކް އެރިސްޓާއި ގުޅިގެން ސީޕީއާރ ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ." އޭޑީކޭއިން ބުނެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ސަލްމާގެ ފަރުވާ ކުރިއަށް ދިޔަ އިރު ހާލަތާ ގުޅޭ މަޢުލޫމާތާއި ދެވެމުންދާ ފަރުވާގެ މަޢުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ސަލްމާއަށް ފަރު ވާދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައި ވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށާއި އެ ކޭސް ރިވިއު ކުރުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ކިއު.އައި.ޑީން ބޭނުންވި ހުރިހާ މަޢުލޫމާތާއި އެއްބާރުލުން ހޮސްޕިޓަލުން ދީފައިވާނެ ކަމަށެވެ.
“މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ކާމިޔާބު ނުވުމަކީ ހާލަތްތަކުގައި ވާކަމެއް. ސަލްމާ ނިޔާވެ ދިޔުމަކީ އާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެއް. މި ހިތާމައިގައި މި ހޮސްޕިޓަލާއި ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރިވާ ހިނދު މިފަދަ ހިތާމަވެރި ހާދިޘާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކެނޑިނޭޅި ކުރަމުންދާނެ ކަމުގެ ޔަގީންކަން އާއިލާއަށާއި މި ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް އަރުވަން. އަޅުގަނޑުމެންގެ ދުޢާއަކީ އާއިލާއަށް ކެތްތެރިކަން ދެއްވައި ސަލްމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން” އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސަލްމާގެ ދަރިފުޅު ބަލަމުން ދަނީ އެ ކުއްޖާގެ ބައްޕައެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.