ޚަބަރު

ރަތްމަންދޫ ވޯޓް ފޮށީގެ ބާތިލް ވޯޓެއް ވަނީ ޞައްޙަ ކޮށްފައި ، އަލުން ވޯޓްލުމަކަށް !

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުގުނުން ކުރިއަށް ދަނީ/ ދެން އިމޭޖްސް: ޢަލީ ޝިފާޒް

މި މަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މ.ރަތްމަންދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ނެގި ވޯޓްގައި ބާތިލް ވޯޓެއް ، ޞައްޙަ ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން މިއަދު ރަތްމަންދޫގެ ނަތީޖާތަކާއި ބާތިލް ވޯޓްތައް ޗެކު ކުރިއިރު އެ ފޮށީން ޞައްޙަ ކަމަށް ކަނޑައެޅި 01 ވޯޓް ކަރުދާހުގައި ކުރަހައިފައި އޮތް ނަމަވެސް ނަތީޖާ ހަދައިފައި ވަނީ އެއީ ޞައްޙަ ވޯޓެއް ކަމަށް ބަލައިގެންނެވެ. އެ ކަރުދާސް ބާތިލް ގޮތުގައި ބެލުމާއެކު ބާތިލް ވޯޓްގެ އަދަދު 05 އަށް ބަދަލުވެ ރަށު ރައީސްގެ ނަތީޖާއަށް ވަނީ ބަދަލު އައިސްފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރަތްމަންދޫ ރައީސްކަމަށް ހޮވިފައި ވަނީ 72 ވޯޓް ހޯދި އަމިއްލަ ކެނޑިޑޭޓެއް ކަމަށްވާ އިސްމާޢީލް ނާހިދެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބުނީ 71 ވޯޓެވެ. ނަމަވެސް ނަތީޖާއިން ބާތިލް ވޯޓް އުނިކުރުމުން ދެ މީހުންނަށް ލިބުނު ވޯޓް ވެސް ވަނީ އެއްވަރުވެފައެވެ. މިއާއެކު އެ ރަށު ކައުންސިލް ރައީސް ހޮވުމަށް ޖެހޭނީ އަލުން ވޯޓް ލާށެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅިގެން ކެނޑިޑޭޓުންނާއި ޕާޓީތަކުން ވެސް ހުށަހަޅާ ޝަކުވާ އީސީން ދަނީ ބަލައިގަންނަމުންނެވެ. އަދި ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭ ވޯޓް ފޮށިތައް އީސީން ދަނީ އަލުން ޗެކް ކުރަމުންނެވެ. އެގޮތުން ހއ.ފިއްލަދޫގެ ވޯޓް ފޮއްޓަކާއި ޅ.އޮޅުވެލިފުށީގެ ވޯޓްފޮއްޓެއްގެ އިތުރުން ތ.މަޑިފުށީ ފޮއްޓެއް ވެސް މިއަދު ޗެކު ކޮށްފައި ވެއެވެ. ނަމަވެސް އޭގެ އެއްވެސް ފޮއްޓަކުން ނަތީޖާ ބަދަލުވެފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!