ޚަބަރު

ދަރުމަވަންތައިގައި ވިހެއި ކޮވިޑަށް ފައްސި އަންހެނެއް ގާތަށް އޭނަގެ ފިރިމީހާއަށް ނުދެވިފައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދަރުމަވަންތަ ހޮސްޕިޓަލް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާބަނޑު ދިވެހި އަންހެނަކު ކޮވިޑް-19އަށް ފައްސިވެ، ބަނޑަށް ހަތް މަހުގައި ވިހައިފިއެވެ.

Ads by MWSC

މީސްމީޑިއާގައި މީހަކު އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނަގެ ދައްތަގެ ބަނޑަށް 7 މަހުގައި މި މަހުގެ 15ވަނަ ދުވަހު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

"ދައްތައަކީ ހައިރިސްކު މީހަކަށް ވާތީ ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް. އެތަނަށް ގެންދިޔަ ފަހުން އެނގުނީ ދައްތަގެ ފިރިމީހާ ވެސް ކޮވިޑަށް ފައްސިކަން. އެޗްޕީއޭއިން އެދުނީ ދައްތަގެ ފިރިމީހާ ގޭގައި ކަރަންޓީނު ވާން. އެއީ ވިލިމާލޭގައި ހުންނަ ގެއެއް" އެ މީހާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނީ، މި މަހުގެ 19ވަނަ ދުވަހު އޭނަގެ ދައްތަގެ ފެންދުލި ފަޅައިގެން ގޮސްގެން އެމަޖެންސީގައި ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔައެވެ. އެތަނުގެ މެޑިކަލް ޓީމުން ނިންމީ ދައްތަ ވިއްސަން ކަމަށާއި ނަމަވެސް ދައްތައަށް ނުވިހެއުމުން ސިޒޭރިއަން ހަދާފައި ކުއްޖާ ނެގީ ކަމަށް ވެސް ބުންޏެވެ.

"އެ ހުރިހާ ލިޔެކިޔުމެއްގައި ސޮއި ކުރީ އަހަރެންގެ ދެން ހުރި ދައްތަ. ހަގީގަތުގައި އޭގައި ސޮއި ކުރަން ޖެހޭނީ ދައްތަގެ ފިރިމީހާ. އަހަރެންގެ ޅިޔަންބެ އެޗްޕީއޭއަށް ވަރަށް ގިނައިން ގުޅާފައި އެދިއްޖެ ދައްތަ ކައިރިއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް. އެޗްޕީއޭއިން ބުނީ އެމީހުންނަށް ޖެހޭނީ ދަރުމަވަންތައިގައި މަސައްކަތް ކުރާ ޓީމު ކައިރިން އަހާލަން ކަމަށް. ދެން ޅިޔަންބެ ގުޅީ ދަރުމަވަންތައަށް. އެކަމަކު އެމީހުން ބުނީ އެޗްޕީއޭގައި ތިބޭ މީހުން ގާތު އެދުމަށް" އެމީހާ އިތުރަށް ބުނެފައިވެއެވެ.

މިއީ މުޅި އެ އާއިލާ ވެސް ކަންބޮޑުވެފައިވާ ކަމެއް ކަމަށާއި، އޭނާގެ ދައްތަ އެ ހޮސްޕިޓަލުގައި އޮތީ އެކަނިކަން ވެސް އެ މީހާ ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން ވެސް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ވެސް އޭނަގެ ދައްތަގެ ފިރިމީހާއަށް ޖަވާބެއް ދީފައި ނުވާކަން ހިތާމައާއެކު އެ މީހާ ފާހަގަ ކޮށްފައިވެއެވެ.

"މިކަހަލަ ހާލަތެއްގައި، ފައްސި ވެފައިވާ މީހެއް ވިޔަސް ގެންދެވޭނެ ގޮތް ހަމަޖައްސައި ދެވެން ވާނެ އެޗްޕީއޭއަށް. ފައްސި ވެފަ ހުރި މީހަކު، އަނބިމީހާ ކައިރިއަށް ނުގެންދެވޭ އެކަމަކު ފައްސި ވެފަ ހުރި މީހަކަށް ވޯޓުލާން ވޯޓު ފޮށި ކައިރިއަށް ދެވޭ؟" އެ މީހާ ލިޔެފައި ވެއެވެ.

އޭނާ އިތުރަށް ބުނީ، ދަރިފުޅުގެ ފޮޓޯއެއް ދައްކައިލުމަށް އޭނަގެ ދައްތަ އެދުނު ކަމަށާއި ނަމަވެސް އެކަން ވެސް ކޮށްދީފައި ނުވާ ކަމަށެވެ. އަދި އޭނަގެ ދައްތަގެ އުމުރުން މިހާރު 30 އަހަރުން މަތި ވެފައިވާއިރު، އެ ދަރިފުޅަކީ އެ ދެމަފިރިންނަށް ވަރަށް ދުވަސް ފަހުން ލިބުނު ކުއްޖެއްކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ދަރިފުޅުގެ ފޮޓޯ ވެސް ނުފެނުމުން އޭނަގެ ދައްތަ ވާނެ ދެރަ އިޙުސާސް ކޮށްލުމަށް ވެސް އެދިފައިވެއެވެ.

މިކަމާ ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީ ގެ އޮފިޝަލަކު ވިދާޅުވީ ކުއްޖާގެ މަންމައަށް މިހާރު އެ ކުއްޖާ ފެނިފައިވާ ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގެ 16ވަނަ ފަންގިފިލާއަކީ ކޮވިޑަށް ފައްސިވާ މާބަނޑު އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ޑިޕާޓްމަންޓެއް. އެތަނުގައި މީގެ ކުރިން ވެސް މީހުން ވިހައިފައި އެބަހުރި. ނަމަވެސް ބަލީގެ ގޮތުންނާ ވެސް އެކީ، އެއްވެސް ފަރާތަކަށް ހަމަޖެހިފައެއް ނޫން ވާނީ ފިރިމީހާއާ ވެސް އެކު މަޑުކުރެވޭ ގޮތަށް" އޮފިޝަލް ވިދާޅުވިއެވެ.

ކުއްޖާގެ ބައްޕައަށް އޭނަގެ އަނބިމީހާ ކައިރިއަށް ނުދެވެނީ އެފަދައިން ދިޔުމުގެ އިންތިޒާމު އެއްވެސް ފަރާތަކަށް ހަމަޖެހިފައި ނުވާތީ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

  1. ހާލުފޮޅި

    ހުރިހާކަމެއްވެސް ބޮޑުކުރަނީ ކީއްވެބާ؟ ފޯރމްގަ ސޮއި ކުރެވޭނެ ފިރިމީހާ ނޫނަސް، ތަޖުރިބާ ކޮށްފަ މިބުނީ..؟ދެން އަނެއްކާ ހޮސްޕިޓަލްގަ އޮންނަ ކޮވިޑް ޕޭޝަންޓުން ކައިރިއަކަށް މީހުން ނުވައްދާނެ..އެކަނި އޮތަސް ބަލާ ފަރުވާދޭނެ..އެވަރުވެސް ނޭނގެނީބާ؟؟؟ ތަންދޮރު ނުދަންނަ މީހުން ހާދަ ގިނަވެއްޖޭ..

    • ހާލު އަނގަ

      ނުބަލާ. ފަރުވާވެސް ނުދޭ. 24 ގަޑިއިރުން އެއްފަހަރު ބަލާލުމަކީ ވިހައިގެން ތިބޭމީހުން ބެލުމެއް ނޫން. އެތަނުގެ އެކަން ތަޖުރިބާ ކޮށްފަ މިބުނީ.

    • ވާނުވާ

      ހައި ރިސްކް ޕޮޒިޓިވް މީހެއް ކައިރިއަށް ޕޮޒިޓިވް ވެފަ ހުރިމީހަކަށް ވަދެވެން ވާނެ. އެންޑް އަދި އަލަށް މި އެގުނީ ބަލިމީހާލައްވާ ފޯމް ތަކުގަ ސޮއި ކުރެވޭކަން…