"ރާއްޖޭގެ މާލިއްޔާގައި މިހާރު 'ލައްޑޫ' ނޫން އެއްޗެއް ނެތް"
ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރުން ދެވަނަ ފަހަަރަށް ނިންމުމުން ދިވެހި ރާއްޖޭގެ މާލިއްޔަތުގައި ފައިސާ ނެތް ކަމަށާއި ހުރީ "ލައްޑޫ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް ދިގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެކަން ފާސް ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ހުރި މުހިއްމު ފަންޑުތަކުގައި މިހާރު އެއްވެސް ފައިސާއެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް 5.2 ބިލިޔަން ރުފިޔާ ލިބުނު ކަމަށާއި ދައުލަތުން ހަރަދުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ވެސް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަނީ ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހް ރާއްޖެއަށް އިޤްތިޞާދީ ބޫމްއެއް އަންނާނެ ކަމަށް ވިދާޅުވުމުން، ރާއްޖޭގައި ހުރިއްޔާ ހުރި ފައިސާއެއް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހަރަދު ކުރެއްވީ އިގުތިސާދު މި އަހަރު ރަނގަޅުވާނެ ކަމަށް ލަފާކޮށް ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އިގުތިސާދީ ބޫމެއްގެ ވާހަކަ. އެ ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ފިނޭންސް މިނިސްޓަރު، މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް، ރާއްޖޭގެ ރައްޔިތުންގެ މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް ބޭނުންކުރީ. ބޭނުންކުރި ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ޔަގީނުން ވެސް އެއަކު ނެތް މިހާރު ލައްޑޫ ނޫން އިތުރު އެއްޗެއް،" ޝިޔާމް ވިދާޅުވިއެވެ.
ލައްޑޫއަކީ އިންޑިއާގައި ތައްޔާރު ކުރާ ފޮނި ކާ އެއްޗެކެވެ.