ޚަބަރު

މާންދޫ ކްލަސްޓާ: ފޮނަދޫން އިތުރު މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

އައިޝަތު ރަފާ ، ދެން އޮންލައިން

މާންދޫ ކްލަސްޓާއާ ގުޅޭ އިތުރު މީހަކު ފޮނަދޫން ފައްސިވެއްޖެއެވެ.

Ads by MWSC

ފޮނަދޫ ޞިއްޙީ މަރުކަޒުން ވިދާޅުވީ ކަރަންޓީނުގައި ހުރި ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ ރޭ އޭނާގެ ސާމްޕަލް ނަގައި ހޮސްޕިޓަލުން ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށެވެ. މީގެ އިތުރުން ފައްސިވީ މީހާއަކީ މާބަނޑު އަންހެނެއް ކަމަށްވެސް ފޮނަދޫ ޞިއްޙީ މަރުކަޒުން ވިދާޅުވިއެވެ.

ފޮނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، މާންދޫ ކްލަސްޓާއާ ގުޅިގެން ފައްސިވީ މީހުންގެ އަދަދު މިވަނީ 218 އަށް އަރާފައެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިހައިތަނަށް މާންދޫއިން ޖުމްލަ 197 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުން މިހައިތަނަށް ޖުމްލަ 16 މީހަކު ފައްސިވެފައިވާ އިރު، ފޮނަދޫން 3 މީހުން އަދި ދަނބިދޫން 2 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާ އެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން މިމަހުގެ 28 ވަނަ ދުވަހު ދަނބިދޫން ވެސް މި ކްލަސްޓާއާ ގުޅުން ހުރި ބަޔަކު ފައްސިވެ، އެ ރަށް ވެސް ވަނީ މޮނިޓަރިންގއަށް ލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!