ރާއްޖެއިން ބޭނުންވަނީ ލީކްވި ޕޭޕަރުތައް އަލުން ހަދަން

ރާއްޖެއިން ހުށަހަޅައިފައި ވަނީ ލީކްވި، އޭ ލެވެލް ބައޮލަޖީ އަދި ފިޒިކްސް ޕޭޕަރު އަލުން ހެދުމަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ އިން ގެނެސްދޭ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ވިދާޅުވީ، ޕޭޕަރު ލީކްވި މައްސަލައިގައި މިހާރު އެޑެކްސެލްއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އަދި އެފަރާތުން ނިންމަވާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. އަދި އެޑެކްސެލް ކުރެން އެޑިއުކޭޝަނުން ދަންނަވާފައި ވަނީ ލީކްވި ދެ ޕޭޕަރު އަލުން ހެދުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ، އިތުރު ޕޭޕަރެއް ލީކް ނުވާނެ ކަމުގެ ޔަޤީންކަން އެޑެކްސެލްއިން ދީފައިވާ ކަމަށެވެ. އަދި އެޑެކްސެލް އަކީ އިންޓަރނޭޝަނަލް ބޮޑީއެއް ކަމުން ގޮތް ނިންމާ އެންމެ ފަހު ފަރާތަކީ އެޑެކްސެލް ކަމަށާއި އެ ނިންމުން ބަދަލު ކުރުމުގެ ބާރު ރާއްޖެއަށް ނޯންނާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކުރިޔަށްދާ އެޑެކްސެލް އިމްތިހާންގެ ދެ ޕޭޕަރެއް ވަނީ ލީކްވެފައެވެ. ލީކްވެފައި ވަނީ ޕިޒިކްސް އަދި ބައޮލޮޖީ ޕޭޕަރެވެ. ރާއްޖޭގައި އިމްތިހާން ފެށުމުގެ ގަޑިއިރެއް ކުރިން މި ޕޭޕަރުތައް ވަނީ ލީކްވެފައެވެ. މިހެންކަމުން ރާއްޖޭގެ ބައެއް ދަރިވަރުންނަށް އިމްތިހާން ހެދުމުގެ ކުރިން ޓެސްޓް ޕޭޕަރު ވަނީ ފެނިފައެވެ. ޕޭޕަރުތައް ލީކްވެފައި ވަނީ ބޭރު ޤައުމެއްގައެވެ. އަދި އެޤައުމުން ޕޭޕަރުތައް ލީކްކޮށްލާފައި ވަނީ އެޤައުމުގައި ޓެސްޓް ހަދާ ނިމުނު ފަހުންނެވެ. ނަމަވެސް ރާއްޖޭގައި ޓައިމްޒޯން ތަފާތުވުމުގެ ސަބަބުން އިމްތިޙާނަށް އެއް ގަޑިއިރު ކުރިން އިމްތިހާން ޕޭޕަރުތައް ވަނީ އާންމު ވެފައެވެ. ޕޭޕަރުތައް އާންމު ކޮށްފައި ވަނީ ރެޑިޓް ކިޔާ މީޑިއާއެއްގައެވެ.






ކޮމެންޓް