މިއަދުގެ 3 ވަނަ މަރު: ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް-19އަށް ފައްސިވެފައިވާ މީހާކު އއ.ރަސްދޫގައި މަރުވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ސިމާއު ވިދާޅުވީ މަރުވެފައި ވަނީ އެރަށުގައި ހުރި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާ މަރުވީ ކޮވިޑަށް ފައްސިވެ އެރަށު ގެސްޓުހައުސްއެއްގައި ކަރަންޓީނުވެގެން ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިމާއު ވިދާޅުވީ އެމީހާ އެރަށަށް ދިޔަތާ ތިން ދުވަސް ފަހުން އޭނާ ޓެސްޓު ކުުރީ ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ ކަމަށެވެ.
މި މަރާއެކު މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 77 ވަނަ މީހާއެވެ. މިއަދު ރާއްޖެއިން އިތުރު ދެމީހަކު ވެސް ކޮވިޑް ޖެހިގެން ނިޔާވެފައި ވެއެވެ. އެ ދެމީހުންނަކީ ވެސް ދިވެހީންނެވެ.
މި ދެ މީހުންގެ ތެރެއިން ރޭ މެންދަމު 3:18ގައި ކޮވިޑް ފެސިލިޓީގައި ނިޔާވި މީހަކީ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އަނެއް މީހާއަކީ މިއަދު މެންދުރު 12:30ކަށް ހާއިރު ނައިފަރުގައި ނިޔާވި 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވެފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.