އެންގުންތަކަށް ބޯ ނުލަނބައި ކާފިއު ގަޑީގައި ބޭރުގައި އުޅުނު 65 މީހަކު ޖޫރިމަނާ ކޮށްފި
ކޮވިޑް-19ގެ ހާލަތު ގޯސް ވުމާ ގުޅިގެން މާލެ ސަރަޙައްދުގައި ކާފިއު އިއުލާނު ކޮށްފައި ވަނިކޮށް، އެންގުން ތަކާއި ޚިލާފުވެ، ހުއްދަ ނުހޯދައި ބޭރުގައި އުޅުނު 65 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފައިވާ ގޮތުގައި ކާފިއު ގަޑީގައި ހުއްދައަކާ ނުލައި ބޭރުގައި އުޅެގެން 65 މީހަކު، އަދި އެ ވަގުތުގައި ވެހިކަލް ދުއްވައިގެން 11 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
މީގެ އިތުރުން ބޭރު ތެރޭގައި އުޅޭއިރު މާސްކު ނާޅާ އުޅުމުގެ ސަބަބުން 136 މީހަކު ޖޫރިމަނާ ކޮށްފައި ވާ ކަމަށް ވެސް އެ ހިސާބުތަކުން ހާމަވެފައިވެއެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.