ޚަބަރު

ހިޔާނާތުގެ ލިސްޓަަށް ބަދަލެއް ނުގެނެސް އާންމު ކުރާނަން: އިންތި

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ބަދަލެއް ނުގެނެސް އާންމު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިކަން ބަލަމުންދާ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަބް ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓްގައި 241 ނަމެއް އެބައޮތެވެ. އޭގެ ތެރޭގައި އެކި މަގާމުތަކުގައި ތިބި 119 ފަރާތެއްގެ ނަން ހިމެނެއެވެ. އިންތި ވިދާޅުވީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކި ކުރާނެކަމަށެވެ.

ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ ލިސްޓު އާންމުކުރަން ނިންމައިފައި ވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އާންމުވި ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއާއި އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އޭރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ލިސްޓުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން މީޑިއާގެ ބައެއް ބޭފުޅުންނާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތަކުގެ އިތުރުން އާންމުން ވެސް ހިމެނެއެވެ.

މި ބޮޑު ޚިޔާނާތުގައި ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު މިހާރު މީސްމީޑިއާގައި ވެސް ވަނީ އާންމު ވެފައެވެ. އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ މިހާރު މި މައްސަލަ ބަލާ ކޮމިޓީން  ބޭފުޅަކު ވިދާޅުވާ ގޮތުގައި، ލީކު ވެގެން އުޅޭ ލިސްޓާއި އެބޭފުޅުންގެ އަތުގައި އޮތް ލިސްޓާ ތަފާތު ކަމަށެވެ. އެގޮތުން ލީކު ވެގެން އުޅޭ ލިސްޓުގައި ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޮޓޯ ހިމަނައިފައި ވާއިރު، މަޖިލީހަށް ލިބިފައިވާ ލިސްޓުގައި އެއިން އެއްވެސް ބޭފުޅެއްގެ ފޮޓޯ ނުހިމެނޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!