ޚަބަރު

މާބައިދޫ ކައުންސިލް ރައީސްގެ ހުވާ ކުރުން ފަސްކުރަން އަމުރުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލ. މާބައިދޫ ކައުންސިލް ރައީސްގެ ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރި ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން އާދިލްގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދާތީއެވެ. އަލަށް ހޮވުނު ކައުންސިލް މެމްބަރުންގެ ހުވާ ކުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ، ހަސަން އާދިލް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ވެސް މާދަމާ ހައިކޯޓްގައި ވަނީ ތާވަލް ކުރެވިފައެވެ.

އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުގައި އެއް ވޯޓްގެ ތަފާތަކުން މާބައިދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން އާދިލެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މާބައިދޫގައި ބެހެއްޓި ވޯޓްފޮއްޓާއި މާބައިދޫ މީހުން ވޯޓްލީ ސްރީލަންކާގައި ބެހެއްޓި ވޯޓް ފޮއްޓެއް ގުނުމަށް ފަހު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ވިޝާމަށް އިތުރު ދެވޯޓް ލިބޭ ކަމަށް ނިންމައި އީސީން ނިންމީ މާބައިދޫ ރައީސްކަމަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓް ކަމަށެވެ.

ވިޝާމަށް ލިބުނު ދެ ވޯޓްގެ ތެރެއިން އެއް ވޯޓަކީ ކުރީން ބާތިލް ކަމަށް ނިންމައިފައިވާ ވޯޓެކެވެ. އެ ވޯޓް ބާތިލްކަމަށް ކަނޑައެޅީ ވޯޓް ކަރުދާހުގައި ފާހަގަ ޖަހަން ޖެހޭ ގޮޅިއެއް ކަނޑައި ނަގައިފައިވާތީއެވެ. އިންތިޚާބުގެ ޤާނޫނުގައި ބުނެފައި ވަނީ ވޯޓް ކަރުދާހުގެ ވޯޓްގެ ފާހަގަ ފިޔަވައި އެހެން އެއްވެސް ފާހަގައެއް ވާނަމަ ވޯޓް ކަރުދާސް ބާތިލް ވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!