ޚަބަރު

ފަލަސްތީނު ރައްޔިތުންނަށް ދޭ ހަމަލާތައް ހުއްޓައިލުމަށް ރާއްޖެއިން ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި، ފަލަސްތީނުގެ އާންމުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ދިވެހިރާއްޖެއިން ގޮވައިލައިފިއެވެ.

Ads by STELCO

ރާއްޖޭގެ ފަރާތުން މިފަދައިން ގޮވައިލެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފައިފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިޒްރޭލު ސިފައިން ހިފައިފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރި ކުރެއްވިއެވެ. އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާ ދިނުމާއި މެދުކެނޑުމެއް ނެތި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އ.ދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަނެގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމައިލައިފައި ވަނީ ޙަމަލާ ދިނުން ހުއްޓައިލުމަށް ގޮވާލައި އަދި އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެކުލަވާލުމަށް ފަހުއެވެ.
ޖުމްލަ 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!