ޚަބަރު

މާޅެންދޫގެ ޙާލަތު ގޯސް ، ޑޮކްޓަރާއެކު 18 މީހުން ފައްސި! ކައުންސިލްގެ އިދާރީ ހުރިހާ މުވައްޒަފުން ކަރަންޓީނުގައި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ނ.މާޅެންދޫ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރު ހިމެނޭހެން އެ ރަށުން 18 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

"ދެން"އަށް މައުލޫމާތު ދެއްވަމުން މާޅެންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙަސަން ވިދާޅުވީ އެ ރަށުން މިހައިތަނަށް 18 މީހަކު ފައްސިވެފައިވާ ކަމަށާއި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ނަގައިފައިވާކަމަށެވެ. އަދި އެ ސުންކުތަކުގެ ނަތީޖާ ނުލިބޭ ކަމަށް ވެސް މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހިމެނޭހެން ކައުންސިލް އިދާރާގެ އިދާރީ ހުރިހާ މުވައްޒަފުން ކަރަންޓީނުގައި ތިބުމާއެކު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަަށެވެ.

ޞިއްޙީ މަރުކަޒުގެ ޑޮކްޓަރު ފައްސިވެފައިވާތީ އެ އަތޮޅު މަނަދޫން ޑޮކްޓަރަކު މިހާރު މާޅެންދޫއަށް ގެނެސްފައިވާ ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.

މާޅެންދޫގެ ހާލަތު ގޯސްވުމާއެކު ކައުންސިލުން ވަނީ ޒަރޫރީ ބޭނުމެއް ނެތި ގޭގެއިން ބޭރަށް މީހުން ނިކުތުން މަނާކޮށްފައެވެ. އަދި ގޭގެއަށް ބޭނުންވާ ކަންތައް ކޮށްދިނުމުގެ އިންތިޒާމް ކައުންސިލުން ވަނީ ހަމަޖައްސައިފައެވެ.

"އަޅުގަނޑުމެން ޓާސްކްފޯހެއް ނަގައިގެން ، ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެމުން މިދަނީ ، އާންމު ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުން އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން" މުޙައްމަދު ވިދާޅުވިއެވެ.

ކޮވިޑްގެ ޙާލަތު މުޅި ރާއްޖޭގައި ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޮވިޑްގެ ފައްސި ވޭދަނަތައް ފެނި 67 ރަށެއް ވަނީ މޮނިޓަރިންގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!