ކޮނޑޭ ކައުންސިލު ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްފި
ގއ. ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން ހައިކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު ބާތިލުކޮށް، އަލުން ގުނައިދިނުމަށް އިންތިހާބީ ޝަކުވާ ހުށަހަޅާފައި ވަނީ ކައުންސިލު ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީއެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝުއައިބު ދެ ކަމެއް ފާހަގަ ކުރެއްވިއެވެ. އެއީ ވޯޓު ފޮށީގެ ވެރިޔާ އިންތިހާބާ ބެހޭ ގަވާއިދާ ހިލާފަށް އަމަލުކޮށްފައި ވުމާއި، އެ ރަށުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފަށް ވޯޓުލާފައިވާ ކަމުގެ ޝަކުވާއެވެ.
މި މައްސަލައާ ގުޅޭގޮތުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝުއައިބު ފާހަގަ ކުރައްވާފައިވާ ކަންތައްތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭތީ އަލުން ކައުންސިލް ރައީސްގެ ވޯޓު ގުނަން އަމުރު ކުރާ ކަމަށެވެ.
ކޮނޑޭ ކައުންސިލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމެންދެން އެ ރަށުގެ އިންތިހާބީ ކައުންސިލްގެ ރައީސް ހުވާކުރުން ވެސް އޮތީ ފަސްކޮށްފައެވެ.
ލޯކަލް ކައުންސިލު އިންތިހާބުން ކޮނޑޭގެ ނަތީޖާ ދައްކާ ގޮތުގައި އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުލްހަކީމެވެ. އަދި އެންމެ ވޯޓެއްގެ ތަފާތުން ދެވަނައަށް ގޮސްފައި ވަނީ ހައިކޯޓަށް މައްސަލަ ހުށަހެޅުއްވި މިނިވަން ކެނޑިޑޭޓް ޝުއައިބު މުހައްމަދު ދީދީއެވެ.