ޚަބަރު

އަދީބުގެ މައްސަލަތައް ބާތިލު ކުރި ގާޒީ ވަކި ކުރަން ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް ބާތިލު ކުރަން ހުށަހެޅި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ޖޭއެސްސީއިންް މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ، ކްރިމިނަލް ކޯޓުން ބާތިލު ކުރި ހުކުމް އޮތީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ލިޔެފައި ކަމަށެވެ.

އެގޮތުން އެ މައްސަލަތަކުގައި 2020 ޖުލައި 14 ވަނަ ދުވަހު ހުކުމް ކޮށްފައިވާއިރު، އެ ހުކުމަކީ 22 ފެބްރުއަރީ 2020 އިން ފެށިގެން ތައްޔާރުކޮށްފައިވާ ހުކުމެއް ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ޖޭއެސްސީންް އިތުރަށް ވިދާޅުވީ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" ޖަހައި ޑޮކިޔުމެންޓެއް ސޭވްކޮށްފައި އޮތް ކަމަށާއި، އެ ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާ އާއި ހުކުމުގައިވާ ނުކުތާއަކީ އެއް ނުކުތާއެއް ކަން ވެސް އެނގިފައިވާ ކަމަށެވެ.

އަދި އެ ލިޔުން ސޭވް ކޮށްފައިވާ ނަމަކީ އާންމު ގޮތެއްގައި އެފަދަ ޑޮކިޔުމެންޓެއް ގާޒީއަކު ސޭވްކުރާނެ ނަމެއްކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށް ވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ޖޭއެސްސީގެ ބަޔާކުގައި އިތުރަށް ވިދާޅުވެފައި ވަނީ ގާޒީ އިސްމާއިލްް ރަޝީދު ބޭނުންކުރުމަށް ކްރިމިނަލް ކޯޓުގައި ކޮމްޕިޔުޓަރު ސިސްޓަމެއް ހުންނައިރު، ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި، އަދި ވަކިން ހާއްސަކޮށް ވަކި ގަޒިއްޔާއެެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާއެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ނުދަނީސް އެ ގަޒިއްޔާ ނިންމާނެ ގޮތުގެ ފައިލްް އެ ޕެންޑްރައިވްގައި އޮތުމަކީ އަދީބުގެ މައްސަލައިގެ އެ ހަތް ގަޒިއްޔާގައި ގާޒީ އިސްމާއިލް ރަޝީދު ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނެތި މުސްތަގިއްލުކަމާއެކު ނޫން ކަމަށް ފާހަގަވާކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!