ޚަބަރު

ކޮނޑޭ ކައުންސިލް އިންތިޚާބުގެ ރައީސްގެ ނަތީޖާއަކަށް ބަދަލެއް ނައި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ގއ.ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ލީ ވޯޓްތައް އަލުން ގުނައިފިއެވެ.

Ads by MWSC

އެ ރަށު ކައުންސިލް ރައީސްގެ ވޯޓާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އެ ޙުކުމްގައި ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތުން ރިޢާޔަތްކޮށްފައި ވަނީ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކަމަށާއި ދެ ކެނޑިޑޭޓުންގެ މެދުގައި ފަރަގު ދެ ވޯޓް އޮތުމާއެކު ވޯޓް އަލުން ގުނުމަށެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ގުޅޭ މަރުކަޒު ، ބާ ޖަމާލުއްދީނުގައި ވަނީ ކޮނޑޭގައި ބެހެއްޓި ވޯޓް ފޮއްޓާއި މާލޭގައި އަދި ހުޅުމާލޭގައި ބެހެއްޓި ކޮނޑޭ ރައްޔިތުން ވޯޓްލީ ފޮށިތަކުގެ އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ލީ ވޯޓްތައް ޗެކްކޮށްފައެވެ.

ތިން ފޮށީގެ ވޯޓްތައް ޗެކު ކުރުމުން ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެ ތިން ފޮށީގެ ނަތީޖާ ވެސް ދާއިމީ ނަތީޖާއާ އެއްގޮތެވެ.

ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ހޮވިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަޙުމަދު ޢަބްދުލްޙަކީމެވެ. އޭނާއަށް 130 ވޯޓް ލިބިފައި ވެއެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅި އަމިއްލަ ކެނޑިޑޭޓް ޝުއައިބު މުޙައްމަދު ދީދީއަށް ލިބިފައި ވަނީ 128 ވޯޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!