ރިޕޯޓް

އެތައް ދަރިވަރުންނަކަށް އުނގަންނައިދިން ހީވާގި އެދުރެއް، ވަދާޢުގައި ދަރިވަރުންގެ ލޮލުން ކަރުނަ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ފެސިލިޓީ ތަކުން ރުއިމުގެ އަޑު ކެނޑިގެން ނުދެއެވެ.  މުޅި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by Sosun Fihaara

މިއީ ކޮވިޑް ބަލީގައި މި ދުނިޔެ ދޫކުރި ދ. މީދޫއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ އަބްދުﷲ ރަޝީދުގެ ވާހަކައެވެ. އަބްދުﷲ މިދުނިޔެ ދޫކުރީ އެތައް ވޭންތަކެއް ތަހައްމަލު ކުރުމަށް ފަހު އެންމެ ފަހުން އާއިލާ ވެސް ފެނިިނުލައެވެ. ގިނިކަންޏާ ފެސިލިޓީގައި އޮވެ އޭނާ އެ ދިޔައީ އެތައް ބައެއްގެ ހިތް ރޮއްވާލައިފައެވެ. މުޅި މީދޫއަށް ވަނީ އަބްދުﷲ ގެ ވަކިވެދިއުމާއެކު ފަޅުކަން ވެރިވެފައެވެ.

އަބްދުﷲ ބަލިވުން، ކޮއްކޮގެ ދުލުން

އަބްދުﷲ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޚާލިދު އަލީ ވަނީ އޭނަ ބޭބެގެ ހާލު ދަށް ވަމުން ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް "ދެން" އާ ހިއްސާ ކޮށްފައެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ވެސް ވޭނީ އިހުސާސްތަކެއް ހުރިކަން ފާހަގަ ވެގެން ދިޔައެވެ. އެތައް ޖަޒުބާތުތަކެއް ފޮރުވިފައިވާ ކަން އެ އަޑު އަހާލި ކޮންމެ މީހަކަށް ވެސް ދެނެގަނެވޭނެެއެވެ.

"ބޭބެ އެންމެ ފުރަތަމަ ކޮވިޑަށް ވެކްސިން ޖެހި ފަހުން ދެތިން ދުވަހެއް ވަންދެން ވަރަށް ގަދައަށް ހުން އައި. ދެން މީހާ އެއްކޮށް ވަރުބަލިވެފަ ހުންނަނީ. ދެދަތްޕިލާ ވެސް ބާރު ނުކުރެވޭ. ސިޑިއަކުން ވެސް ނޭރޭ. ނުވެސް ކެވޭ. މީހާ އެހާ ސަކަރާތްވި ވެކްސިން ޖެހި ފަހުން"

އަބްދުﷲ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހި ފަހުން ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އެހެންވެ އޭނާ ދ.އަތޮޅު ހޮސްޕިޓަލަށް ދެއްކިއެވެ. އެހެންނަމަވެސް ޑޮކްޓަރުންގެ ފަރާތުން ލިބުނީ މާ ހިތާމަވެރި ޚަބަރެކެވެ. އަދި ވަގުތުން އިތުރު ފަރުވާއަށް މާލެ ދިއުމަށް ޑޮކްޓަރުން އެދުނެވެ.

އަބްދުﷲ ރަޝީދުގެ މޭކަށިކަނޑު ކައިރި ޓިއުމަރެއް!

"އަތޮޅު ހޮސްޕިޓަލަށް ދެއްކީމަ އެމަޖެންސީކޮށް ޑޮކްޓަރު ބުނީ މާލެ ދާން. ބުނީ ތައިމަސް މައްސަލައެކޭ. މޭކަށިގަނޑު ކައިރި އިންނަ ކަށިގަނޑު މީހާ އުމުރު މަތިވާ ވަރަކަށް ކުޑަވާނެޔޭ. އެކަމު ބޭބެގެ ކުޑައެއް ނުވެޔޭ. އެހެންވެ އެމަޖެންސީކޮށް އިންޑިއާއަށް ދާން ނިންމީ" ސާޖިދު ކިޔައިދިނީ އަސަރާއެކުއެވެ.

އިންޑިއާއަށް ދާން މަޖުބޫރުވީ ތައިމަސް އޮޕަރޭޝަން އަކީ ހަމައެކަނި ރާއްޖެއިން ބޭރުން ކުރެވެން އޮތް އޮޕަރޭޝަނަކަށް ވާތީއެވެ. އަދި ވީ އެންމެ އަވަހަކަށް ބޭބެއާއި ބޭބެ އަންހެނުންގެ އިތުރުން އިތުރު އެހީތެރިއެއް ގޮވައިގެން އަބްދުﷲ އިންޑިއާއަށް ގެންދެވުނެވެ. އަދި އިންޑިއާއިން އޮޕަރޭޝަން ކުރެވުނު ނަމަވެސް ދެން ލިބުނީ އެއަށްވުރެ ހިތާމަވެރި ހަބަރެކެވެ. އޮޕަރޭޝަން ކުރިތާ ކައިރި ޓިއުމަރެއް ވަނީ އުފެދިފައެވެ. ކޮންމެ ގޮތެއް ވިޔަސް ހަ ހަފްތާ ފަހުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށް އެންގުމުން އަބްދުﷲ މާލެ ގެނެވުނެވެ. އަބްދުﷲ މާލެ ގެނައީ އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް މަތިވެފައި އޮތުމުން އެތަނުގައި މަޑުކުރުމަކީ އެންމެ ރައްކާތެރި ގޮތަށް ނުވުމުން ކަމުގައި ވާތީ ކަމަށެވެ.

އަބްދުﷲ މާލެ ގެނެވުމުން އެދުނީ ރަށަށް ދާން!

ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފައިވާތީ އަބްދުﷲއާއި އޭނަގެ އަންހެނުންނާއި އެކުގައި ދިޔަ އެހީތެރިޔާ ވެސް އިންޑިއާއިން އަައިސް ކަރަންޓީނުވީިއެވެ.

ބޭބެ މާލޭގަ ހުރެފަ ބުނީ ރަށަށް ދާން. ވަރަށް އުއްމީދާއެކު މާލެ އައީ ވެސް. 14 ދުވަސް ކަރަންޓީނު ވެސް ރަނގަޅު ހަމަ. އެހެންވެ ވީހާ ވެސް އަވަހަށް ރަށަށް ދެވޭތޯ އުޅުނީ.

އިންޑިއާއިން އައިސް މާލޭގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށް ފަހު އަބްދުﷲ ގެ އަމިއްލަ އުފަން ރަށަށް ގެންދެވުނެވެ. އެހެންނަމަވެސް އެއީ އޭނާގެ އަމިއްލަ އުފަން ފަސްގަނޑަށް އެރޭނެ އެންމެ ފަހު ފަހަރުކަމެއް އޭނާއަކަށް ނޭނގެއެވެ. ލޯބިވާ ދަރިންނާއެެކު ވަގުތު ހޭދަކޮށްލަން ލިބޭނެ ހަމައެކަނި ފުރުސަތަކީ އެއީ ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ތަގުދީރުގެ ނިޔާ ވަންހަނާ ވެފައި ވާތީއެވެ.

ރަށުގައި ހުއްޓައި ނޭވާ ހާސްވާން ފެށި، ވަގުތުން އަނެއްކާވެސް މާލެ ގެނެވުން!

"ރަށަށް އައިސް 14 ދުވަހުގެ ކަރަންޓީނުވެސް ރަނގަޅަށް ދިޔައީ. އެކަމް ފަހުން ނޭވާ ހާސްވާން ފެށީ. އެހެންވެ ޑޮކްޓަރަށް ދެއްކުމުން އެމީހުން ބުނީ ކުޑަހުވަދޫއަށް ދާން. އެކަމު މާލެ ދާން ނިންމީ." ސާޖިދު އެވާޙަކަތައް ކިޔައިދެމުން ދިޔައީ ނުހަނު އުނދަގުލުންނެވެ.

މާލެ ގެނެސް އައިޖީއެއްއެޗަށް ދެއްކުމަށް ބޭބެ ގެންދެވުނު ކަމަށާއި، އުސޫލެއްގެ ގޮތުން އެގޮތަށް އައިޖީއެޗް އެމްޖެންސީއަށް ދައްކާ ފަރާތްތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާތީ ބޭބެ ވެސް ޓެސްޓު ކުރި ކަމަށް ސާޖިދު ބުންޏެވެ. އަދި އައިޖީއެމްއެޗުން ބޭބެއަށް އޮކްސިޖަން ގުޅި ކަމަށާއި 10 ވަރަކަށް މިނެޓު ވަންދެން އެހެން ބޭއްވުމަށް ފަހު ބޭބެ ދޫކޮށްލަނީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ދެން ނިންމީ އަނެއްކާވެސް އިންޑިއާއަށް ދާން. އެކަމު ވިސާ ލިބުނީ ބޭބެއަށާއި ބޭބެގެ ބައިސްޓޭންޑާއަށް. ބޭބެއަށް ވިސާ ނުލިބޭތީ ލަސްކޮށްލަން ޖެހުނީި. އެހެން ހުއްޓާ ބޭބެ މާ ބޮޑަށް ސަކަރާތްވާތީ އަނެއްކާ އޭޑީކޭއަށް އެފަހަރު ދެއްކީ.

އަބްދުﷲ ކޮވިޑަށް ފައްސި، ހުޅުމާލެ ފެސިލިޓީއަށް ގެންދިއުމަށް އެންގި!

"އޭޑީކޭއަށް ދެއްކީމަ އެމީހުން އެހީި ކޮވިޑަށް ޓެސްޓު ކޮށްފިތޯ. ދެން އައިޖީއެމްއެޗުން ކުރި ޓެސްޓުގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް ބުނީމަ އެމީހުން ބެލީ. ބެލިއިރު ޕޮޒިޓިވް." އަބްދުﷲ ކޮވިޑަށް ފައްސިވީ ކަން އެނގުނު ގޮތް ސާޖިދު ހިއްސާކުރިއެވެ.

ނަތީޖާ ލިބުމާއެކު ބޭބެ ވަގުތުން ރޯން ފެށިކަމަށް ސާޖިދު އަސަރާއެކު ކިޔައިދިނެވެ. އަދި ބޭބެއަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަށް ގެންދާން އެދުމުން ވެސް ހުޅުމާލެ ފެސިލިޓީއަށް ބޭބެ ގެންދަން އެމީހުން މަސައްކަތް ފެށި ކަމަށް ސާޖިދު ބުންޏެވެ. ފެސިލިޓީއަށް ގެންދިޔައީ ބޭބެ އެކަނި ކަމަށާއި އާދޭސް ކުރުމުން ވެސް ބޭބެއާއެކު އިތުރު އެހެން މީހެއް ނުގެންދިޔަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ވަރަށް މަސައްކަތް ކުރިން. އާދޭސް ވެސް ކުރިން ބޭބެ އެކަނި ނުގެންދަން. ބޭބެ އޭރު ހެއެއް ނެތް. ބުނިން ބޭބެ ހޭ އަރައިފިއްޔާ ހާލު ދަށްވާނޭ. ބޭބެ އަންހެނުން ވެސް ޕޮޒޮޓިވް. އެކަމު ބޭބެ އަންހެނުން ވެސް ނުގެންދިޔަ.

ފެސިލިޓީއަށް ގެންދެވުނު ފަހުން ބޭބެއާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ!

ފެސިލިޓީއަށް ގެންދެވުނު ނަމަވެސް ބޭބެގެ ހާލަތާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ސާޖިދު ބުންޏެވެ. ކޮންމެ ދުވަހަކު ވެސް އެތައް މަސައްކަތަކުން ވީޑިއޯކޯލް ކުރެވޭ ކަމަށާއި ބޭބެގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހޯދުންވީ އުނދަގޫ ކަމަކަށް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އެއްދުވަހެއްގަ ނަރުސް ކުއްޖާ ބުނި ކުޑަކޮށް ނޭވާ ލެވޭހެން ހީވޭ. ހަތް ދުވަސް ހަމަވުމުން ވެންޓިލޭޓަރުން ނަގާނަމޭ.

ނިޔާވުމުގެ ކުރިން ބޭބެ އެދުނީ ގަނޑުކޮޅަކާ ގަލަމަކަށް، ލިޔުނީ ފަހު ވަސިއްޔަތް!

ރޭގެ 12 ޖަހަން ގާތްވެފައި ވަނިކޮށް ސާޖިދު ބޭބެގެ ހާލު ބަލާލުމަށާއި ބޭބެއާ ވާހަކަ ދައްކާލުމަށް ގުޅި ނަމަވެސް ނަރުސް ކުއްޖާ ފޯނު ނަގައި ބޭބެއަށް ނިދިފައި އޮތް ކަމަށް މައުލުމާތު ދިނެވެ. އަދި ނިދުމުގެ ކުރިން ގަލަމަކާއި ގަނޑުކޮޅެއް ދިނުމަށް ބޭބެ އެދުނު ކަމަށް ވެސް ނަރުސް ކުއްޖާ ސާޖިދުގާތިގައި ބުނި ކަމަށް އޭނާ ބުންޏެވެ.

ނަރުސް ކުއްޖާ ބުނީ މިއަދު ބޭބެ ހޭއެރިޔޭ. މިވަގުތު އޮތީ ނިދިފައޭ. ދެން ގަނޑަކާ ގަލަމަކާ ދޭށޭ ބުނީމަ އޭގަ ލިޔެފައި އޮތީ ތިމަންނަ ދޭންޖެހޭ 212 ރުފިޔާ އެބައިނޭ. އަންހެނުންނަށް ދިނުމަށް ބޭބެ އެދުނީި. އަންހެނުންނަށް އެނގޭނޭ ބުނީ

ފަތިސް ނަމާދަށް ފަހު ބޭބެގެ ހާލު ބަލަން ގުޅިން، ލިބުނީ މާ ހިތާމަވެރި ހަބަރެއް!

އެރޭ ނިދުމުގެ ކުރިން ބޭބެގެ ހާލު ނުބެލުނީތީ  ފަތިސް ނަމާދަށް ފަހު ސާޖިދު އޭނާގެ ބޭބެއަށް ގުޅާލީ އުއްމީދާއެކުގައެވެ. އެތައް ވާހަކަތަކެއް ހިއްސާކުރާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ބޭބެގެ އަޑު އަހާލުމަށް ސާޖިދުގެ ކަންފަތް ދަހިވެތިވެފައިވާ ހާލުގައެވެ. އެހެންނަމަވެސް ސާޖިދުއަށް ލިބުނީ އޭނާ އަޑުއަހަން ބޭނުންވ ޚަބަރެއް ނޫނެވެ. އޭނާއަށް އިތުރު ހިތްދަތިކަމެއް ގެނުވި ޚަބަރެކެވެ.

ބޭބެ ނިޔާޥެއްޖޭ ރޭގަ ފަތިސް ނަމާދު ކޮށްގެން އައިސް 5:30 ހާއިރު ގުޅީމަ ބުނީ

ސާޖިދުގެ މި ޖުމުލައިން ވެސް އަޑުއަހަން ހުރި މީހަކު ހިތްފަޅައިގެން ދާނެކަން ޔަގީނެވެ. އެތައް ފޮނި އުއްމީދުތަކަކާއެކު ބޭބެގެ ހާލު ބެލުމަށް ގުޅާލި ގުޅާލުމަށް ލިބުނީ ބޭބެ ވަކިވެދިޔަކަމުގެ ޚަބަރެވެ. މި ޚަބަރާއެކު މުޅި ރަށް އެއްކޮށް މަޑުމައިތިރިވެގެން ދިޔައެވެ. ރަށުތެރެއިން މާޔޫސީކަން އިހުސާސް ކުރެވެއެވެ. އަބްދުﷲ ރަޝީދުގެ ވަކިވެ ދިއުމާއެކު ދ.މީދޫ ވެސް ހިތާމަ ކުރާ ކަހަލައެވެ.

މީދޫ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު އެޑޮޕްޑްކޮށް އަމިއްލަ ދަރިއެއް ފަދައިން ބަލަމުން ގެންދިޔަ!

އަބްދުﷲ ގެ ޖުމުލަ ދެ ދަރިން މި ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ދެ އަންހެން ކުދިންނެވެ. އެހެންނަމަވެސް އަބްދުﷲ ފިރިހެން ދަރިއެއް ވެސް ބޭނުންވިއެވެ. އެހެންކަމުން ދ. މީދޫ ކުޑަކުދިންގެ ހިޔާއިން އޭނާ ވަނީ 2 އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެއް "އެޑޮޕްޓް" ކޮށްފައެވެ. އެ ކުއްޖާގެ އުމުރުން މިހާރު 4 އަހަރުވެއްޖެއެވެ. އެހެންނަމަވެސް އަބްދުﷲ އެދަރުފުޅު ބަލައި ބޮޑު ކުރަމުން ގެންދިޔައީ އެއީ ހަމަ އަމިއްލަ ދަރިއެއް ފަދައިންނެވެ.

އަބްދުﷲގެ އަންހެން ދެ ދަރިންނާ އެއްވަރަށް އޭނާ މި ކުޑަ މައުސޫމް ކުއްޖާ ދެކެ ވެސް އެހާަ ލޯބިވެއެވެ. މިއަދު އެ ތިން ކުދިން ޔަތީމުވީއެވެ. އެހެންނަމަވެސް އެ ތިން ކުދިންނަށް އެ ތިން ކުދިންގެ ބައްޕަގެ ހެޔޮލަފާ ތަރުބިއްޔަތު ލިބިފައި އެބަހުއްޓެވެ.

އަބްދުﷲ ގެ ވަކިވެދިއުމާއެކު ސުކޫލަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް!

އަބްދުﷲ ރަޝީދަކީ ދ. އަތޮޅު މަދަރުސާގައި ދިވެހި އުނގަންނައިދިނުމުގައި 27 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ހީވާގި މުވައްޒަފެކެވެ. އެންމެނާ ގުޅޭ މަޖާ މީހެކެވެ. ސުކޫލުން ވިޔަސް އަދި ރަށުން ވިޔަސް ބާއްވާ އިޖުތިމާއީ އަދި އެނޫން ކޮންމެ ހަރަކާތެއްގައި ވެސް އެންމެ ކުރީ ސަފުގައި އަބަދުވެސް އަބްދުﷲ ރަޝީދު ފެނިގެން ދިޔައެވެ.

ދ.އަތޮޅު މަދަރުސާއިން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތުދިން ފަރާތަކުން ބުނިގޮތުގައި އޭނާ އެންމެ ކުޑައިރުން ފެށިގެން ވެެސް އެ ސުކޫލުގައި ތައުލީމް ހާސިލު ކުރަމުން ދިޔަ އިރުވެސް އަބްދުﷲ ރަޝީދު ޓީޗަރެއް ގޮތުގައި އުޅުނު ކަމަށެވެ.

އެންމެ ކުޑައިރުން ފެށިގެން ކިޔަވަން އުޅުނު އިރުވެސް އަބްދޯ ސަރ އުޅުން.އެއީ ހުރިހާ އެންމެނާވެސް ގުޅޭ ކޮންމެ ހަރަކާތެއް ހިންގިޔަސް އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހެެއް.

އަބްދުﷲ ގެ ވަކިވެދިއުމަކީ އެރަށަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ގެއްލުން ކަމުގައި އޭނާ ސިފަކުރިއެވެ. އޭނާ ބުނީ އަބްދުﷲ އަކީ އިންސާނިއްޔަތަށް ޓަކައި ނަމޫނާއެއް ކަމަށެވެ.

ދުވަހަކު ވެސް އެހާ ހިތްހެޔޮ، ކުދިން ދެކެ ލޯބިވާ ޓީޗަރެއް ނުދެކެން: އަބްދުﷲ ގެ ދަރިވަރެއް

އަބްދުﷲއާ ބެހޭގޮތުން ދަރިވަރެއްގެ ހައިސިއްޔަތުން ފޭސްބުކުގައި މީހަކު ފާޅުކޮށްފައިވާ ޝުއޫރެއް ހިއްސާކޮށްލާނަމެވެ. އަބްދުﷲ އަކީ ކުދިންނަށް ތައުލީމް އުނގަންނައި ދިނުމުގެ އިތުރުން، އިތުރުހަރަކާތްތައް ދަސްކޮށްދިނުމުގައި އުޅުނު މީހެއް ކަމަށް އެ ސްޓޭޓަސްގައި ބުނެފައިވެއެވެ.

ދުވަހަކުވެސް އެހާ ހިތްހެޔޮ، ކުދިން ދެކެ އެހާ ލޯބިވާ، ކުދިންނާ ދޭތެރޭ އެހާ ޕޮޒިތިވްކޮށް ވިސްނާ، ޓީޗަރެއް ނުދެކެން. ދުވަހަކު ކުއްޖަކު ގޯސްކަމެއް ކޮށްގެން އެއްޗެހި ކީ އަޑެއް ވެސް ނާހަން.

އެ ސްޓޭޓަސްގައި އިތުރަށް އޭނާ ވަނީ އަބްދުﷲ ރަޝީދުގެ ފުރާނައަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ދަންނަވައިފައެވެ.

ހަގީގަތުގައި ވެސް ގެއްލިގެން އެދިޔައީ ހިތްހެޔޮ ޓީޗަރެކެވެ. މަޖާ އެކުވެރިއެކެވެ. އަދި މަސައްކަތްތެރި މުވައްޒަފެއްގެ އިތުރުން ލޯބިވާ ފިރިއަކާއި ހިތްވަރުގަދަ ބައްޕައެކެވެ. ކޮވިޑް ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރުމަށް ފަހުގައި ވަކިވެ ދިޔައީ އެންމެ ފަހު ފަހަރަށް ވެސް ދަރިންނާއި ލޯބިވާ އަނބިމީހާއާ ވެެސް ވާހަކަ ނުދައްކާލެވިއެވެ. މާތްﷲ އަބްދުﷲ ގެ ފުރާނައަށް ސުވަރުގޭދެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާ، އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި. އަދި ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދާ އެންމެންނަށް ވެސް ހަލި އަވަސް ޝިފާއެއް ދެއްވާށި. އާމީން

Ads by Ooredoo
  1. ފަތު

    މިއޮތީ ގަސްތިގަ މަރާފަ.

  2. ދަރިވަރު

    އަބްދޯ ސާރ އަކީ އަގުނުކުރެވޭ ފަދަ ޖަވާހިރެއް. ސާރ ވަކިވެދިޔައީ އަޅުގަނޑުގެ މުޅިހިތަށް މޮޅިވެރިކަން ގެނެސްފަ، އަބަދުވެސް ސާރ އަށް ހެޔޮ ދުއާ ކުުރާ ދަރިވަރެއް ކަމުގައި ވާނަން