ނަރުހުންނަށް ބަދު ބަސް ބުނުމުގެ ކުރިން ދަރީންނާ ދުރުގައި އަހަރެމެންނަށްޓަކައި އެވާ ގުރުބާނީއާ މެދު ވިސްނާލާ!

ކޮވިޑް-19ގެ ހާލަތު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިހާ ބޮޑަށް ގޯސްވެފައިވާއިރު މިއަދު އެންމެ ބުރަކޮށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަން ތިބި ބަޔަކީ ނަރުހުންކަން ގައިމެވެ. އެތައް ނަރުހުންނެއް އާއިލާއާ ވަކިން ކޮވިޑް ފެސިލިޓީގައި އަދި އެ ނޫން ވެސް ތަންތަނުގައި މަސައްކަތް ކުރަމުން އެބަދެއެވެ. އާންމު ރައްޔިތުން ނަރުހުންނާ ދިމާއަށް އެއްޗެހި ކިޔާ މަންޒަރު ފެންނަ ނަމަވެސް ހަގީގަތުގައި އެއީ ވަރަށް ހިތާމަ ހުރި ކަމެކެވެ.
މައްސަލަ އަކީ ނަރުހުންނެއް ނޫނެވެ. މައްސަލައަކީ ނަރުހުންގެ ދަތިކަމެވެ. އެތައް ބަލި މީހުންނަކަށް އެންމެ ނަރުހެއް ފަރުވާ ދޭން ޖެހުމެވެ. އެއީ ނަރުހުންގެ ފަރުވާ ކުޑަ ކަމެއް ނޫނެވެ.
މިއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރި މީހަކު "ދެން"އާ ހިއްސާ ކުރި ވާހަކައެކެވެ.
އެތަނުގައި އުޅޭއިރު ވެސް ބައެއް ފަހަރަށް ބަލި މީހުން ނަރުހުންނާ ދިމާއަށް އެއްޗެހި ގޮވައި ހަދައެވެ. ހިތުގައި ޖެހޭ ފަދަ އެއްޗެހި ބުނެ ހަދައެވެ. ނަމަވެސް ނަރުހުންނަކީ ވެސް އިންސާނުންނެެވެ. ރެޔާއި ދުވާލު އާއިލާއާ ދުރުގައި އެ ނަރުހުން އެ ހޭދަކުރަނީ އެއީ ފަސޭހަ ކަމަކަށް ވެގެންނެއް ނޫނެވެ. ހަގީގަތުގައި ވެސް އެއީ ގައުމީ ޖިހާދެކެވެ.
ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހަކު ގެއަށް ދާން ބޭނުންވިއެވެ. އެހެން ނަމަވެސް އޭނާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ގެއަށް ފޮނުވައެއް ނުލިއެވެ. އެކަމުގެ ސަބަބުން އެ މީހާ ރުޅި އައިސް ނަރުސް ކުއްޖާއާ ދިމާއަށް އެތައް އެއްޗިއްްސެއް ކިޔެވެ.
" ކަލޭގެ ދަރިއެއް ނުހުންނާތީ ކަލެއަކަށް ނޭނގޭނެ އެއްނު މަގޭ ދަރި މަށަށް ބޭނުންވާނެ ވަރެއް." އެ މީހާ ނަރުސް ކުއްޖާއާ ދިމާއަށް މިހެން ބުނި އަޑު އެހި ކަމަށް އެތަނުގައި އޮތް ބަލި މީހަކު ކިޔައިދިނެވެ. އެ މީހާ އެހެން ބުނި އިރު އޭނާއަށް ހަގީގަތް އެނގޭ ބާވައެވެ. އެ ނަރުސް ކުއްޖާގެ ދަރިން ތިބޭތޯ ނުވަތަ ނުތިބޭތޯ އެނގޭ ބާވައެވެ.
ހަގީގަތަކީ އެ ނަރުސް ކުއްޖާގެ ދެ ދަރިން ތިބޭ ކަމެވެ. އެ ދަރީންނާ ދުރުގައި އޭނާ މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެކަމެވެ. އެ ދަރީންގެ ގައިގައި ލޯބިން ބައްދައިލާނޭ ފުރުސަތެއް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމެވެ. އެފަަދަ އެއްޗެއް މީހަކު އޭނާއާ ދިމާއަށް ބުނުމުން ކުރާނެ އަސަރު ވިސްނައިލަބަލާށެވެ.
ނަރުހުންނަކީ ވެސް އިންސާނުންނެވެ. ނަރުހުން ވެސް ވަރުބަލި ވާނެއެވެ. ނަރުހުން ވެސް ދެރަވެ ހިތާމަ ކުރާނެއެވެ. އެހެންކަމުން ނަރުހުންނާ ދިމާއަށް ހިތުހުރި އެއްޗެއް ބުނުމުގެ ކުރިން ވިސްނައިލުން ބުއްދިވެރިއެވެ!





ކޮމެންޓް